17 May 2021, 19:21
ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ 70 އަހަރުގެ އަންހެނަކު ހަވީރު 6:00 ގައި މަރުވެފައިވާ ކަމަށެވެ.
މި މަރާއެކު ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު މިހާރު މިވަނީ 101 އަށް އަރާފަ އެވެ.
މި މެއި މަހަކީ ރާއްޖޭގައި ކޮވިޑް19 ފެތުރެން ފެށިފަހުން އެންމެ ގިނަ މީހުން މަރުވި މަހެވެ. ފާއިތުވި ދެ ހަފްތާ އަށް ބަލާއިރު 23 މީހަކު މިވަނީ ބަލީގައި މަރުވެފަ އެވެ.
ރޭ ހެލްތު އެމާޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ފަރާތުން ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ބަލީގައި މަރުވާ މީހުންގެ ތެރެއިން ގިނައީ ދިގު މުއްދަަތަކަށް ބޭސްކުރާ މީހުންނާއި އުމުރުން ދުވަސްވީ މީހުން ކަމަށެވެ. އެގޮތުން ބަލީގައި މަރުވި މީހުންގެ 70 ޕަސެންޓަކީ އުމުރުން 80 އަހަރުން މަތީގެ މީހުން ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
އަދި ފާއިތުވި ތިން ދުވަހު ބަލީގައި މަރުވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ވެކްސިންގެ އެއްވެސް ޑޯޒް އެއް ނުޖަހާ މީހުން ކަމަށް ޓެގުން ބުންޏެވެ.