12 Feb 2012, 13:57
ބައުންސް ޗެކްގެ މައްސަލައިގައި މީގެ ކުރިން ތިން ފަހަރަށް ވެސް ކޯޓަށް ވަޑައިގެންނުގެންނެވި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ފުލުހުންގެ ބެލުމުގެ ދަށުން ކޯޓަށް ހާޒިރު ކުރުވައި މިއަދު ޝަރީއަތް ބާއްވައިފި އެވެ.
ދައުލަތުން މުސްތަފާގެ މައްޗަށް ދައުވާކުރަނީ އައިލެންޑް ޓްރާންސްޕޯޓުގެ ނަމުގައި ހަބީބު ބޭންކުގައި ހުޅުވާފައިވާ އެކަންޓަކުން މުސްތަފާ ސޮއިކޮށް އަބްދުﷲ ޖަލީލު ކިޔާ މީހަކަށް ދީފައިވާ ހަތަރު ޗެކް ބައުންސްވި މައްސަލައިގައެވެ.
ދަށު ކޯޓްތަކަކީ ޣައިރު ގާނޫނީ ތަންތަން ކަމަށް ބުނެ ކުރިން ކޯޓަށް ވަޑައި ނުގެންނެވި މުސްތަފާ މިއަދު ޝަރީއަތަށް ހާޒިރު ކުރުވައި ޝަރީއަތް ބޭއްވުމުން މި މައްސަލައިގައި މުސްތަފާއާއި ދެކޮޅަށް ދެ މީހަކު ދެގޮތަކަށް ހެކިބަސް ދިނެވެ.
ދައުވާ ކުރާ މައްސަލައިގައި ދައުލަތުން ބުނާ ގޮތުން މުސްތޮފާ ފުރަތަމަ ދޫކުރީ 530،000ރ. ޗެކެކެވެ. ދެވަނަ ފަހަރަށް ދޫކުރީ 319،000ރ. ގެ ޗެކެކެވެ. ތިން ވަނަ ފަހަރަށް ދޫކުރީ530،000ރ. ގެ ޗެކެކެވެ. އަދި ހަތަރުވަނަ ފަހަރަށް ދޫކުރީ 120،000ރ. ގެ ޗެކެކެވެ.
އެ މައްސަލައިގައި ފުރަތަމަ މިއަދު ހޯދާފައި ވަނީ މއ. ސްނޯ ލައިޓް، އަހުމަދު ނާހިޒުގެ ހެކިބަހެވެ. އޭނާ ފުރަތަމަ ބުނީ އޭނާގެ ބޭބޭ މުސްތަފާ ހަސަން އާއި އެކު ތިމަރަފުށީ މުސްތަފާ ދިރިއުޅުއްވާ ގެއަށް ގޮސް ސިޓީއެއް ހަވާލުކުރި ކަމަށާއި، ސިޓީއާއި ހަވާލުވެ މުސްތަފާ ސިޓީގައި ސޮއި ވެސް ކުރެއްވެވި ކަމަށެވެ. ސިޓީ ހަވާލުކުރަން ދިޔައީ ކިތަށް ދުވަހުތޯ ގާޒީ އެއްސެވުމުން އޭނާ ބުނީ ހަނދާންވާ ގޮތުން ސިޓީ ހަވާލުކުރަން ދިޔައީ ދެ ދުވަހު ކަމަށެވެ.
އޭނާ އެހެން ބުނުމުން ދައުލަތުގެ ވަކީލު ވަނީ އޭނާ ސޮއިކޮށް އިނގިލީގެ ނިޝާން ޖަހައި އޮކްޓޯބަރު،12 2010 ގައި ތައުގީގަށް ދީފައިވާ ބަޔާން ޝަރީއަތަށް އިއްވާފަ އެވެ.
އެބާޔާނުގައި ވަނީ ތިމަރަފުށީ މުސްތަފާ މ. ޗަނބޭލީގޭގައި ދިރިއުޅުނުއިރު ހަތަރު ސިޓީ ދެފަހަރު މަތިން މުސްތަފާއާއި ހަވާލުކުރި ކަމަށެވެ.
އެބަޔާން އިއްވުމަށްފަހު އެއީ ސައްޚަ ބަޔާނެއްތޯ އަދި އެބަޔާން ދިނީ އެއްވެސް މަޖުބޫރުކަމެއް އޮވެގެންތޯ ދައުލަތުގެ ވަކީލު އެއްސެވުމުން އޭނާ ބުނީ ތަހުގީގަށް ދީފައިވާ އެ ބަޔާނަކީ ސައްޚަ ބަޔާނެއް ކަމަށާއި އެ ބަޔާން އޭނާ ދިނީ އެއްވެސް މަޖުބޫރުކަމެއް އޮވެގެން ނޫން ކަމަށެވެ.
ދެވަނަ އަށް ހެކިބަސް ދިން މުސްތަފާ ހަސަން ބުނީ އޭނާ ތަހުގީގަށް ބަޔާންދިނީ އެވަގުތު ހަނދާން ހުރިގޮތަށް ކަމަށެވެ. އޭނާ ތަހުގީގަށް ދިން ބަޔާނުގައި ބުނެފައިވަނީ ހަތަރު ސިޓީ ދެ ފަހަރުމަތިން މުސްތަފާއަށް ދިން ކަމަށެވެ.
އޭނާ ބުނީ އޭނާ އާއި އޭނާގެ ކޮއްކޮ ނާހިޒު އާއި އެކީ އެއްދުވަހު ގޮސް ތިމަރަފުށީ މުސްތަފާ އާއި ސިޓީއެއް ހަވާލުކުރި ކަމަށެވެ.
އޭނާ ބުނީ ސިޓީ ހަވާލުކުރަން އޭނާގެ ކޮށްކޮއާއެކު ގޮސް އެގޭގައި ޓަކިޖެހުމުން އެގޭގެ ދޮރުހުޅުވުމަށްފަހު "މިމަގުން ނުދާށޭ! ދެމީހުން ވާހަކަ ދައްކާފައި ހައްލުކުރާނީއޭ!" މިހެން މުސްތަފާ ވިދާޅުވި ކަމަށާއި އެވަގުތު އެގޭތެރޭގައި ވަރަށް ގިނަ މީހުން ތިބިކަމަށެވެ.
އޭނާ ބުނީ އެމީހުންގެ އޮފީހަށް މުސްތަފާ ވަޑައިގަތުމުން ވެސް ބައެއް ސިޓީތައް މުސްތަފާއާއި ހަވާލުކޮށްފައިވާނެ ކަމަށާއި މުސްތަފާ އާއި އަބްދުﷲ ޖަލީލު އާއި ދެ މީހުންނަކީ ވަރަށް ރުޅިގަދަ ދެމީހުން ކަމަށާއި ސިޓީއާއި ހަވާލުވުމަށްފަހު ބައެއް ފަހަރު ސޮއިކުރާއިރު އަނެއް ބައިފަހަރު ސިޓީއާއި ހަވާލުވެ މުސްތަފާ ސޮއި ނުކުރައްވާ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި މުސްތަފާ ވެސް ވަނީ ޖަލީލަށް ޗެކެއް ދެއްވި ކަމަށް އެއްބަސްވެ ވަޑައިގެންފަ އެވެ.
"އަޅުގަނޑަކީ މުއާމަލާތެއްގެ މެދުވެރިއެއް. އަޅުގަނޑު ހުންނާނެ ޗެކްދީފަ،" މުސްތަފާ ވިފދާޅުވި އެވެ.
މުސްތަފާ ވިދާޅުވީ އެ ފައިސާއަކީ އޭނާ ދޭންޖެހޭ ފައިސާއެއް ނޫން ކަމަށާއި މަދަނީ ކޯޓުގެ ހުކުމަކުން އެ ހަތަރު ޗެކްގެ ފައިސާ ޖަލީލުއަށް ލިބިފައިވާ ކަމަށެވެ.
ނަމަވެސް ޖަލީލުގެ ވަކީލު މުހައްމަދު އިބްރާހިމް ވިދާޅުވީ މަދަނީ ކޯޓުގެ އެއްވެސް ހުކުމަކުން ޖަލީލު އާއި މުސްތަފާ އާއި ދެމެދު ކޮށްފައިވާ މުއާމަލާތަކާއި ބެހޭ އެއްވެސް ފައިސާއެއް ލިބިފައި ނުވާ ކަމަށެވެ.
" މަދަނީ ކޯޓުގެ އެއްވެސް ހުކުމަކުން ޖަލީލު އާއި މުސްތަފާ އާއި ދެމެދު ކޮށްފައިވާ މުއާމަލާތަކާއި ބެހޭ އެއްވެސް ފައިސާއެއް ލިބިފައިނުވޭ،" މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.
މަދަނީ ކޯޓުގެ ހުކުމަކުން އެ ފައިސާ ޖަލީލުއަށް ލިބިފައިވާކަމަށް މުސްތަފާ ވިދާޅުވެފައި ވާތީ ކްރިމިނަލް ކޯޓުގެ ގާޒީ ވަނީ އެ ހުކުމް ދެން އޮންނަ ޝަރީއަތުގެ މަޖިލީހަކަށް ހުށަހެޅުމަށް މުސްތަފާއަށް އަންގާފައެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި މި މައްސަލައިގެ ހުލާސާ ބަޔާން ހުށަހެޅުން އޮންނާނެކަމަށް އިއުލާން ކުރެއްވުމަށް ފަހު އެވެ.