17 May 2021, 13:56
ސިޔާސީ ފިކުރަށް ބެލުމެއްނެތި، އެންމެން ގުޅިގެން ހަރުކަށި ފިކުރާ ދެކޮޅަށް ތެދުވުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲ ގޮވާލައްވައިފި އެވެ.
މިމަހު ހަ ވަނަ ދުވަހު މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މިއަދުގެ މަޖިލިސް ޖަލްސާގައި އީވާ ވަނީ އެކަމާ ގުޅިގެން ބަހުސްކުރެއްވުމަށް ރިޔާސަތުން ހުށަހަޅާ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ހުށަހަޅުއްވާފަ އެވެ.
މަޖިލިސް މި ދައުރަށް ހުޅުއްވި ފުރަތަމަ ޖަލްސާގައި އެ މައްސަލަ ހުށަހަޅުއްވަމުން އިވާ ވިދާޅުވީ، ރައީސް ނަޝިދަށް ދިން ހަމަލާއަކީ، އެމަނިކުފާނުގެ ފުރާނަފުޅު ދުއްވާލުމަށް ދިން ހަމަލާއެއްގެ ގޮތުގަ އެވެ. އެގޮތުން އެއީ އެމަނުކުފާނު އަވަހާރަކޮށްލުމަށް ދިން ހަމަލާއެއްގެ ގޮތުގައި އެ ހަމަލާ އީވާ ސިފަ ކުރެއްވި އެވެ.
"އެމަނިކުފާނުގެ ފުރާނަފުޅު ސަލާމަތްވީ، ގަދަ ކީރިތިވަންތަ މާތްﷲގެ ކުޅަދުންވަންތަކަމުން. މާތްﷲގެ ކިބަފުޅަށް ހަމްދާއި ޝުކުރު ހުރި. އާދަޔާ ހިލާފު ހުށިޔާރުކަމާއެކު އަމިއްލަ ހައްޓަށް ބެލުމެއްނެތި އެމަނިކުފާނަށް އެހިތެރުވި ހަށިފާރަވެރިން އަދި ހޮސްޕިޓަލުން އޯގާތިރިކަމާއެކު ފަރުވާދެއްވި ޑޮކްޓަރުންގެ ޓީމަށް ޝުކުރު ދަންނަވަން،" މައްސަލަ ހުށަހަޅައި ދެއްވަމުން އީވާ ވިދާޅުވި އެވެ.
އީވާ ވިދާޅުވީ، ރައީސް ނަޝީދަށް ދިން ހަމަލާއިން ސަލާމަތްވި ނަމަވެސް، އެމަނުކުފާނަށް އޮތް ނުރައްކާ ފިލައިގެން ނުދާ ކަމަށެވެ. އަދި އެއީ އަބަދުވެސް ހަނދާނުގައި ބަހައްޓަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.
"މިއީ ރައީސް ނަޝީދަށް ދިމާވި ކުޑަ ކަމެއް ނޫން. މިއީ މަޖިލީހަށް ދިމާވި ކުޑަ ކަމެއް ނޫން. މިއީ ދިވެހި މުޖުމަތައުއަށް، މުޅި ގައުމަށް ދިމާވި އަދި ކުޑަ ނުރައްކަލެއް ނޫން. މީގެ ސަބަބުތައް އަދިވެސް ފިލައިގެން ނުދާކަން އަޅުގަނޑުމެން އެންމެވެސް ދަންނަވާނެ، ހަނދާނުގައި ބަހައްޓަން ވާނެ،" އިވާ ވިދާޅުވި އެވެ.
އީވާ ވިދާޅުވި ގޮތުގައި، ގައުމުގެ އަމާންކަން ގުޅިފައި ވަނީ ރައީސް ނަޝީދަށް އިންސާފު ލިބުމާކަމާމެދު އެއްވެސް ބޭފުޅަކު ޝައްކެއް ނުކުރައްވާނެއެވެ. އަދި ހަރުކަށި ފިކުރުގެ މޫތައް ދުވަހެއް ދުވަހަކަށް އިތުރުވުމަކީ، ގައުމަށް އޮތް "ބޮޑު ނާމާންކަމެއް" ކަމަށާއި އެކަމާ ދެކޮޅަށް އެންމެންވެސް މަސައްކަތް ކުރަން ޖެހޭ ކަމަށް އިވާ ވިދާޅުވި އެވެ.
"މިފަދަ ހަމަލާއެއް ތަކުރާރުވިޔަ ނުދިނުމަށް މުޅި ގައުމު އެކީގައި މަސައްކަތް ކުރުން ނޫން ގޮތެއް ނެތް. މިގޮތުން. މި އިއްޒަތްތެރި މަޖިލީހުގެ ދައުރާއި ޒިންމާ އަޅުގަނޑުމެން ގަބޫލުކޮށް، އަޅުގަނޑުމެން އެންމެން އެކުގައި ސިޔާސީ ފިކުރަށް ނުވިސްނާ، މަސައްކަތް ކުރުމަށް އިގުރާވާން އެބަޖެހޭ،" އިވާ ވިދާޅުވި އެވެ.
އިވާގެ ވާހަކަފުޅުގައި ރައީސް ނަޝީދުގެ މަސައްކަތްޕުޅަށްވެސް ތައުރީފު ކުރެއްވި އެވެ. އެގޮތުން ރައީސް ނަޝީދަކީ، ރައްޔިތުން ދެކެ ލޯބިވާ، ރައްޔިތުންގެ ވެރިޔެއް ކަމަށް އީވާ ވިދާޅުވި އެވެ.
"މަގުމަތީގައި ހުންނެވި ކަމުގައިވިޔަސް، ވެރިކަމުގައި ހުންނެވިއިރުވެސް އަދި މި މަޖިލީހުގައިވެސް ހިތްވަރާއި އަޒުމާއެކު ކުރިއަށް ގެންދަވާ ބުރަ މަސައްކަތް ހުރިހާ މެމްބަރުންވެސް ހެކިވެވަޑައިގަންނަވާނެ،" އިވާ ވިދާޅުވި އެވެ.
"ރައީސް ނަޝީދަކީ، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނާއި ވަރަށް ގާތް، ރަހުމަތްތެރިކަން އަބަދުވެސް ބާއްވަވާ، ހިތްހެޔޮ، އަނެކުންނަށް ދިމާވާ ބޮޑެތި ކަންކަމުގައި އަޅާލައި، އެހީތެރިވުމުގެ ސަފުގައި އެންމެ ކުރީގައި އަބަދުވެސް ހުންނަވާ ބޭފުޅެއްކަން އެންމެވެސް ދަންނާނެ.،"
ރައްޔިތުންނަށް ދިމާވާ ހިތާމައެއް އަދި އުފަލެއްގައިވެސް ރައީސް ނަޝީދު ހިތްވަރާއެކު ހުންނަވާކަންވެސް އިވާ ފާހަގަ ކުރެއްވި އެވެ.
"ގާނޫނުއަސާސީންނާއި ގާނޫނުތަކުން މި މަޖިލީހަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް ލައްވަމުން ގެންދެވި ހިތްވަރު. ރާއްޖޭގެ ރައްޔިތުންނަށް ދިމާވާ، ދައްޗެއްވިތަސް ހިއްޗެއްވިޔަސް، އަދި އުފަލެއްވިޔަސް، ފޮންޏެއްވިޔަސް، ދިވެހި ލޮބުވެތި ރައްޔިތުންނާއެކު ވީހާލެއްގައި އެމަނިކުފާނު ވާކަން،" އިވާ ވިދާޅުވި އވެެ.
ރިޔާސަތު އިވާ ހުށަހެޅި މައްސަލައާއެކު މަޖިލިސް އެހެން މެމްބަރުންވެސް އެކަމާ ގުޅޭ ގޮތުން އެ މެމްބަރުންގެ ޝޫއޫރު މިހާރު ބަހުސްގައި ދަނީ ފާޅު ކުރަމުންނެވެ.