އިޒްރޭލުން ވެކްސިން ހަދިޔާ ކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަން އިއުލާންކޮށްފައިވީ ނަމަވެސް އެފަދަ އެހީއެއް ދިނުމަށް އެގައުމުން ރާއްޖެއަށް ހުށަހަޅާފައި ނެތް ކަމަށް ފޮރިން މިނިސްޓްރީއިން ބުނެފި އެވެ.

ރާއްޖެ ހިމެނޭ ގޮތަށް ޖުމްލަ 19 ގައުމަކަށް އިޒްރޭލުން ކޮވިޑް-19 ވެކްސިން ހަދިޔާ ކުރަން ނިންމާފައިވާކަން އެ ގައުމުން ހަމާކުރީ މިދިޔަ ފެބުރުއަރީ މަހުގެ ފަހުކޮޅު އެވެ.

އެކަމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު "ސަން"އަށް ވިދާޅުވީ އިޒްރޭލުން ރާއްޖެއަށް ވެކްސިން ހަދިޔާކުރާނެކަން އިއުލާން ކުރި ނަމަވެސް އެފަދަ އެހީއެއް ދިނުމަށް އެއްވެސް ސިފައެއްގައި އެ ގައުމުން ރާއްޖެއަށް ހުށަހަޅާފައި ނެތް ކަމަށެވެ. އަދި ދިވެހި ސަރުކާރުން ވެސް އެފަދަ އެހީއަކަށް އެދިފައި ނުވާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީއިން ބުންޏެވެ.

"ވެކްސިން ދިނުމަކަށް އިޒްރޭލުން ނެތް އެއްވެސް ސިފައެއްގައި ސަރުކާރާ މަޝްވަރާއެއްކޮށްފައެއް. އެ ގައުމުން އިއުލާނެއް ކޮށްލުން ނޫން ކަމެއް އަދި ނެތް،" އޮފިޝަލް ވިދާޅުވި އެވެ.

އިޒްރޭލުން ފަލަސްތީނަށް މިހާރު ދެމުންގެންދާ ހަމަލާތަކާ ގުޅިގެން އެކަމަށް ނުރުހުން ފާޅުކުރަމުން ރައްޔިތުން ސަރުކާރަށް ގޮވާލަމުން ގެންދަނީ އެފަދަ އެއްވެސް އެހީއެއް ރާއްޖެއިން ގަބޫލު ނުކުރުމަށެވެ. އަދި އިޒްރޭލުގެ އުފެއްދުންތައް މަނާކޮށް އިޒްރޭލުގެ ޓޫރިސްޓުން ރާއްޖެ ގެނައުން ހުއްޓާލުމަށް ވެސް އަންނަނީ ގޮވާލަމުންނެވެ.

ބްލޫމްބާގް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިޒްރޭލުން ހަދިޔާކުރަން ނިންމާފައިވަނީ 1،000 އާއި 5،000 ޑޯޒްގެ މޮޑާނާގެ ވެކްސިނެވެ.

ރޭ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވެސް ވަނީ ނޫސްވެރިޔަކު ކުރި ސުވާލަކާ ގުޅިގެން ރާއްޖެއިން ވެކްސިން ހޯދުމަށް އިޒްރޭލު ސަރުކާރުގައި އެދިފައިނުވާނޭކަމަށް ބުނެފަ އެވެ.

ރާއްޖޭގައި އެންމެ ފުޅާކޮށް ދެމުން ގެންދިޔަ ކޮވިޝީލްޑް ވެކްސިން ލިބުން މިވަގުތު ހުއްޓިފައިވުމުން ވެކްސިންގެ ދެވަނަ ޑޯޒް ނުޖެހި އެތައް ބަޔަކު ތިބީ މިހާރު އިންތިޒާރެއްގަ އެވެ.

އިޒްރޭލުން އެ ވެކްސިން ހަދިޔާ ކުރާ 19 ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ދެން ހިމެނެނީ ސައިޕްރަސް، މޮރިޓޭނިއާ، ހަންގޭރީ، ހޮންޑިއުރަސް، ގުއާޓެމާލާ، ޗެކް ރިޕަބްލިކް، ސެން މަރީނޯ، އިތިއޯޕިއާ، ޗާޑް، ކެންޔާ އަދި ޔުގަންޑާ އެވެ.