ދިއްލީ (މެއި 17): އިންޑިއާގައި ކޮވިޑް-19އިގެ އަލާމާތްތަކަށް ފަރުވާ ދޭން އުފެއްދި އާ ބޭހެއް އެގައުމުން ބޭނުން ކުރަން ފަށައިފި އެވެ.

އިންޑިއާގެ ޑިފެންސް ރިސާޗް އެންޑް ޑެވެލޮޕްމެންޓް އޯގަނައިޒޭޝަން (ޑީއާރުޑީއޯ) އާއި ޑރ. ރެޑީސް ކުންފުނިން އުފެއްދި 2-ޑިއޮކްސި-ޑީ-ގުލްކޯސް ނުވަތަ 2-ޑީޖީ ބޭސް އެމާޖެންސީ ހާލަތުގައި ބޭނުން ކުރަން އެގައުމުގެ ސަރުކާރުން ވަނީ މިމަހުގެ އަށެއްގައި ހުއްދަ ދީފަ އެވެ.

އިންޑިއާ ސަރުކާރުން ނެރުނު ބަޔާނެއްގައިވާ ގޮތުން ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓު ކުރާ މީހުންނަށް 2-ޑީޖީ ބޭސް ދިނުމުން އެމީހުންގެ ބަލި ރަނގަޅުވުން އަވަސްވެ، މެޑިކަލް އޮކްސިޖެން ދޭން ޖެހޭ މިންވަރު ދަށްވާ ކަމަށް ޓެސްޓުތަކުން ދައްކަ އެވެ. އަދި ކޮވިޑަށް މިހާރުވެސް ދޭ ފަރުވާތަކާ އެކު އެ ބޭސް ދޭނީ ބަލީގައި އެހާ ހާލު ސީރިއަސް ނުވާ [މޮޑެރޭޓު ކޭސްތަކަށާއި] ހާލު ސީރިއަސްވާ މީހުންނަށް ކަމަށް ސަރުކާރުން ބުންޏެވެ.

ނަމަވެސް އިންޑިއާގެ ބައެއް ސިއްހީ މާހިރުން ވަނީ 2-ޑީޖީ އިންސާނުންނަށް ދީގެން ހަދާފައިވާ ޓެސްޓުތަކާ ބެހޭ މައުލޫމާތު އެކަށީގެންވާ ވަރަށް އާއްމުކޮށްފައި ނުވާ ކަމަށް ބުނެފަ އެވެ. އަދި އެ ބޭސް ފުރަތަމަ އުފެއްދީ ކެންސަރަށް ފަރުވާ ދިނުމަށް ކަމަށާއި ނަމަވެސް އެގޮތަށް ބޭނުން ކުރަން އަދި ހުއްދަ ދީފައި ނުވާކަންވެސް ފާހަގަކޮށްފަ އެވެ.

އިންޑިއާގައި ފާއިތުވި މަސްތަކުގައި ކޮވިޑްގެ ކޭސްތައް ރެކޯޑު އަދަދުތަކަށް އަރާ، ހޮސްޕިޓަލްތައް ވަނީ ފުރިފަ އެވެ. އަދި ބަލީގެ އަލާމާތްތަކަށް ފަރުވާ ދޭ ބައެއް ބޭސްތަކާއި މެޑިކަލް އޮކްސިޖެން ހޯދުން ވަނީ ދަތިވެފަ އެވެ.

އިންޑިއާއިން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު 24.7އަށް އަރާ، ބަލީގައި 270،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.