މަޖިލިސް ރައީސް މުހައްމަދު ނަޝިދަށް ދިން ޓެރަރިސްޓް ހަމަލާގެ މައްސަލަ ހިމެނޭ ގޮތަށް، ހަރުކަށި ފިކުރާ ގުޅިގެން މީގެ ކުރިން ނުނިމި ހުރި ހުރިހާ މައްސަލަތަކެެއްގެ ތަހުގީގު އަވަސްކުރުމަށް ފުލުހުންނަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އިން ފާސްކޮށްފި އެވެ.

މިމަހު ހަވަނަ ދުވަހު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެ މައްސަލަ ބެއްލެވި 241 ކޮމިޓީން މިއަދު ވަނީ ރިޕޯޓް ފާސްކޮށްފަ އެވެ. އެ ރިޕޯޓުގައިވާ ގޮތުން ޖުމްލަ ހަ ކަމަކަށް ލަފާ ދިނުމަށް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. އޭގެ ތެރެއިން އެއް ކަމަކީ، ޓެރަޒިމްގެ އެފަދަ މައްސަލަތައް ތަހުގީގުކުުރުމުގައި މިހާތަނަށް ދިމާވެފައވާ ގޮންޖެހުންތަކަށް ރިއާޔަތްކޮށް، ރައީސް ނަޝީދަށް ދިން ހަމަލާގެ މައްސަލަ ސީރިއަސް އަދި އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުުރުމަށް ފުލުހުންނަށް ދެންނެވުމެވެ.

އޭގެ އިތުރުން، ހަރުކަށި ފިކުރާ ގުޅޭ އެންމެހައި މައްސަލަތައް އަވަސް އަދި ނަތީޖާ ނެރެވޭ ގޮތަށް ތަހުގީގުކޮށް، ފިޔަވަޅު އެޅުމަށް ފުލުހުންނަށް ދެންނެވުމަށްވެސް ކޮމިޓީން ފާސްކޮށްފައިވެ އެވެ.

ކޮމިޓީން ދެން ނިންމާފައިވާ ނިންމުނަތަކީ، ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގާ ގުޅިގެން ކޮމިޓީގެ ފަރާތުން ފުލުހުންނަށް ދަންނަވަން ޖެހޭ ކަންކަމެވެ.

ކޮމިޓީން ލަފާ ދޭ އެހެނިހެން ކަންތައްތައް:

  • ހެކީގެ ގޮތުގައި ބޭނުން ކުރެވިދާނެ ހެކި ނައްތާލުމުގެ ކުުރިން އެ މައްސަލައަށް ބޭނުންވާ ހެކި ހޯދުމަށް ދެންނެވުން.

  • ތަހުގީގަށް ކަމާ ގުޅުންހުރި ފަންނީ އަދި ގާބިލު މީހުންގެ އެހީތެރިކަން ހޯދުމަށް ދެންނެވުން.
  • ތަހުގީގު ކުރިއަށްދާ މިންވަރަކުން ތަހުގީގާ ގުޅޭ އެންމެހައި ކަންނަކަން ކޮމިޓީއާ ހިއްސާކޮށްދެއްވުމަށް ދެންނެވުން.

އޭގެ އިތުުރުން އެ ހަމަލާ ރައީސް ނަޝީދަށް ދިނުމުގައި އެމަނިކުފާނުގެ ސެކިއުރިޓީ ފެއިލްވި ގޮތުގެ ތަހުގީގެއް ހިންގުމަށް މީގެ ކުރިން ކޮމިޓީން އޮތީ ފާސްކޮށްފައި އެވެ. ކޮމިޓީ ރިޕޯޓުގައި ބުނީ، އެ ކަމުގައި ކޮމިޓީގެ މެމްބަރުންނާއެކު މަޝްވަރާކުރުމަށްފަހު، ގާނޫނާއި ގަވައިދުތައް ތަންދޭ އެންމެ ފުޅާދާއިރާއެއްގައި އެ ތަހުގީގު ކުރިއަށް ގެންދިޔުމަށް ކޮމިޓީން ނިންމާފައިވާ ކަމަށެވެ. އަދި އެ މަސައްކަތުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ މާހިރުންގެ އެހީތެރިކަން ހޯދުމަށްވެސް ކޮމިޓީން ނިންމާފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެ އެވެ.

އެ ނިންމުންތައް ފާސްވެފައިވަނީ، ކޮމިޓީގެ އިއްތިފާގުންނެވެ. އެ ރިޕޯޓު މިހާރު ކުރިއަށްދާ މަޖިލީހުގެ ޖަލްސާގެ އެޖެންޑާއަށް ވަނީ ތާވަލްކޮށްފަ އެެވެ. ރިޕޯޓަށް ބަހުސްކޮށް ނިންމުމަށްފަހު، މިއަދު ރިޕޯޓަށް ވޯޓަށް އަހާނެ ކަމަށް ބެލެވެ އެވެ.

ރައީސް ނަޝީދު ދިރިއުޅުއްވާ ކެނެރީގޭ، ހުންނަ ނީލޯފަރު ގޯޅި ކަންމަތީގައި ސައިކަލެއް ބޭނުންކޮށްގެން އައިއީޑީއެއް ގޮއްވާލައި، ދިން ޓެރަރިސްޓް ހަމަލާގައި، ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިވަޑައިގަތެވެ. އެ ޒަހަމްތަކަށް ފަރުވާ ކުރުމަށް އޭޑީކޭގައި ގިނަ ސާޖަރީތަކެއް ހަދައި، އިތުރު ފަރުވާއަށް މިހާރު ޖަރުމަނުވިލާތައް މިދިޔަ ހޮނިހިރު ދުވަހު ވަނީ ފުރާ ވަޑައިގެންފަ އެެވެ. އެ ހަމަލައާ ގުޅިގެން މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރުކޮަށްފަ އެވެ.