17 May 2021, 16:08
ހުުޅުމާލޭ ސެންޓްރަލް ޕާކުގައި އަޅާ މިސްކިތް ކުރަހަން ދިވެހި އާކިޓެކްޓުންގެ މެދުގައި ހުޅުވާލެވިފައިވާ މުބާރާތެއް ބާއްވަން ނިންމައިފި އެވެ.
އެޗްޑީސީ އިން މިއަދު ބުނީ ސެންޓްރަލް ޕާކުގެ ފައުންޓެއިން އަޅާ ސަރަހައްދުގައި އިސްލާމިކް ލައިބްރަރީ އަކާއެކު މިސްކިތެއް ތަރައްގީކުރަން ނިންމާފައިވާ ކަމަށެވެ. އެ ސަރަހައްދުގައި އަޅާާ މިސްކިތަކީ ދިވެހިވަންތަކަން ދައްކައިދޭ އިމާރާތެއް ކަމަށާއި، ދިވެހިންގެ މިސްކިތްތަކުން ފެންނަ ކުލަތައް އެ މިސްކިތުން ފެންނާނެ ކަމަށެވެެ.
އެޗްޑީސީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދަން ނިންމާފައިވާ ޑިޒައިން ކޮމްޕެޓިޝަނުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި އާކިޓެކްޓުންނަށް ހުޅުވާލާފައިވާ ކަމަށް އެޗްޑީސީ އިން ބުންޏެވެ. ޑިޒައިން ކޮމްޕެޓިޝަނަށް ހުށަހެޅޭ ހުށަހެޅުންތަކުން އެއް ޑިޒައިން ހޮވާނެ ކަމަށް ވެސް ބުންޏެވެ.
ސެންޓްރަލް ޕާކުގައި ތަރައްގީ ކުރާ މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށާއި ބޭރާއެކު 2،500 މީހުންނަށް އެކޮމޮޑޭޓު ކުރެވޭނެ ސަރަހައްދެއް ކަމަށް އެޗްޑީސީ އިން އާންމުކޮށްފައިވާމައުލޫމާތު ކަރުދާހުގައިވެއެވެ.
މުުބާރާތުގައި ބައިވެރިވުމަށް ރެޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރުއޮންލައިން ފޯމެއްފުރައި ރެޖިސްޓާ ކުރެވެނެ އެވެ. ރެޖިސްޓާ ކުރުމުގެ ސުންގަޑި އަކީ މެއި 27 ވަނަ ދުވަހެވެ. ޖޫން ހަތް ވަނަ ދުވަހު މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް އޮންނާނެ އެވެ.
ސެންޓްރަލ ޕާކު ތަރައްގީ ކުރަނީ ހަތަރު ޒޯނަކަށް ބަހާލައިގެންނެވެ. ލެޝާ ޒޯނާއި އިންޓަރެކްޓިވް ޒޯނުގެ އިތުރުން ރެކްރިއޭޝަނަލް ޒޯނާއި ފައުންޓެއިން އެންޑް މޮސްކު ޕާކު އެ ސަރަހައްދުގައި ތަރައްގީ ކުރާނެ އެވެ.