މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ހޮވުން ފަސްކޮށްފި އެވެ.

މޭލޭ ސިޓީގެ މޭޔަރު، ޑރ. މުހައްމަދު މުއިއްޒާއި، ކައުންސިލަރުން މިއަދު ވަނީ މަގާމުގެ ހުވާކުރައްވައިފަ އެވެ. ހުވާކުރުމުގެ ރަސްމިއްޔާތަށް ފަހު، މާލޭ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މިއަދު ކުރިއަށް ގެންދިޔަ އެވެ.

ކައުންސިލްގެ 11 ގޮނޑިއާއެކު، އަޣްލަބިއްޔަތު ހޯދާފައިވަނީ އިދިކޮޅު ޕީޕީއެމް އިންނެވެ. އަދި އެ ޕާޓީން އިންތިހާބުވި ތިން ކައުންސިލަރަކު ވަނީ ޑެޕިއުޓީ މޭޔަރު ކަމަށް ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ.

އެއީ ހުޅުމާލޭ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި ވިލިމާލޭ ދާއިރާގެ މެމްބަރު ނަހުލާ އަލީ އަދި މާފަންނު މެދު ދާއިރާގެ މެމްބަރު އަހުމަދު ނަރީޝް އެވެ.

މިއަދު ބޭއްވި ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި، ޑެޕިއުޓީ މޭޔަރު ހޮވުމަށް ވޯޓަށް އަހަން ތާވަލުކޮށްފައެއް ނުވެ އެވެ. މޭޔަރު މުއިއްޒު ވިދާޅުވީ ޑެޕިއުޓީ މޭޔަރު އިންތިހާބު ކުރަންޖެހޭނީ ހުރިހާ ކައުންސިލަރުން އެއްތަނެއްގައި ތިބެ ބާއްވާ ޖަލްސާއެއްގައި ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ އިން ލަފާދޭ ކަމަށެވެ.

ކޮވިޑް19 އާ ގުޅިގެން މިއަދުގެ ހުވާކުރުމުގެ ރަސްމިއްޔާތާއި، ޖަލްސާ ވެސް ކުރިއަށް ގެންދިޔައީ އޮންލައިން ކޮށެވެ. ޑެޕިއުޓީ މޭޔަރުގެ ވޯޓަކީ ސިއްރު ވޯޓަކަށް ވާންޖެހޭނެ އެވެ. އެހެންކަމުން ޑެޕިއުޓީ މޭޔަރުގެ ވޯޓު ނުނެގީ އެވެ.

ޑެޕިއުޓީ މޭޔަރު ހޮވުން ފަސްކުރި ނަމަވެސް، އެ ވޯޓު ނަގާނެ ވަކި ދުވަހެއް ނިންމާފައެއް ނުވެ އެވެ.