ކުއްލިއްޔާގެ ކުރިމަތީ ހުންނަ ފިހާރައެއް ފަޅާލައި 50.000ރ. އަށް ވުރެ ގިނަ ރުފިޔާ އާއި ގިނަ އަދަދެއްގެ މުދާ ވަގަށް ނަގައިފި އެވެ. ފަޅާލާފައި ވަނީ ކުއްލިއްޔާ ކުރިމަތިން ހުންނަ ފްލޯރެންސް ފިހާރަ އެވެ.

އަންނައުނު ވިއްކާ މި ފިހާރާއިގެ ވެރިފަރާތް ކަމަށްވާ އަލީ މުހައްމަދު މިއަދު ބުނީ ފިހާރައިގެ ތަޅު ހަލާކު ކޮށްގެން ވަދެ ވަތްގަނޑުގަ އާއި ވަތްގަނޑުގައި އޮތް ވޮލަޓެއްގައި ހުރި ފައިސާ ވަގަށް ގެން ގެންދިޔައީ ރޭ ދަންވަރު ކަމަށެވެ.

"ބައިލައްކައަށްވުރެ ގިނަ ފައިސާ ވަގަށް ނަގާފައިވާ ކަމަށް ބެލެވެނީ. އަޅުގަނޑު [ވަތްގަނޑުގައި ބާވާއްވާފައި އޮތް] ވަކި ވޮލެޓެއްގައި ހުންނާނެ ބޭރު ފައިސާ އަޅާފައި. އޭގައި އޮތް ދެހާސް ދިރުހަމް ވެސް ނެގުމަށްފަހު ވޮލެޓް އޮތީ ކައުންޓަރު މައްޗަށް އެއްލާލަފައި. ވަތްގަނޑުގައި ސީދާ ފައިސާ ހުރި އަދަދެއް ނޭނގޭ. އެހެން ނަމަވެސް ގިނަ އަދަދެއްގެ ފައިސާ ހުންނާނެ،" އަލީ މުހައްމަދު ކިޔައިދިނެވެ.

އޭނާ ބުނިގޮތުގައި ފިހާރައިގައި ގަހަނާ ބަހައްޓާފައި ހުންނަ ބައިން އަނގޮޓި އާއި ބައެއް އަންނައުނު ވެސް ވަގުން ގެންގޮސްފައިވެފަ އެވެ. އޭނާ އަދި ބުނީ ފިރިހެނުންގެ އަންނައުނު ވިއްކަން އޭނާ ހާއްސަ ކޮށްފައިވާ ފިހާރައިން ވަގަށް ގެންދިޔަ ފައިސާ އާއި ތަކެތީގެ ޖުމްލަ އެނގޭނީ ފިހާރައިގެ އޮޑިޓެއް ކޮށްގެން ކަމަށެވެ.

އަލީ މުހައްމަދު ބުނީ ފިހާރަ ފަޅާލާފައިވާކަން އެނގުނީ ފިހާރައިގެ ސޭޓް މިއަދު ހެނދުނު އެ ފިހާރަ ދިއުމުން ކަމަށެވެ. އަދި ބުނީ ރޭ ރަނގަޅަށް ތަޅުލައި ބަންދުކުރި ފިހާރައަށް ވަގުން ވަދެފައި ވަނީ ބޭރު ދޮރުގެ ތަޅު ހަލާކުކޮށްލައިގެން ކަމަށެވެ.

ފުލުހުން ވަނީ މި މައްސަލައިގެ ތަހުގީފު ފަށައިފަ އެވެ.