މަޖިލީހުގެ މަސައްކަތްތަކުގައި ހުރިހާ މެމްބަރުންނާއި އެކު އިސާހިތަކު ބައިވެރިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރައީސަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާ ހޯއްދެވުމަށް އެމަނިކުފާނު މިވަގުތު ހުންނެނީ ޖަރުމަނު ވިލާތުގައި އެވެ.

ޖަރުމަނުގައި ހުންނަވައި މަޖިލީހުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ރައީސް ނަޝީދު ފޮނުއްވި މެސެޖުގައި ވިދާޅުވީ މަޖިލީހުގެ މިދައުރުގެ މަސައްކަތް ފެށިގެން މިދަނީ އެމަނިކުފާނުގެ ފުރާނަ ދުއްވާލުމުގެ ނިޔަތުގައި ނުރައްކާތެރި ހަމަލާއެއް ދީފައިވަނިކޮށް ކަމަށެވެ.

"މި ނުރައްކާތެރި ބިރުވެރި ހާލަތުގައިވެސް ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި އެއްވެސް ފަސްޖެހުމެއް ނެތި ހީވާގި ކަމާއެކު ތިޔަ ހުރިހާ އިއްޒަތްތެރި މެމްބަރުން މަސައްކަތްކުރައްވާނެ ކަމާމެދު އަޅުގަނޑު ޝައްކެއް ނުކުރަން." މަޖިލީހުގެ ރައީސް ފޮނުއްވި މެސެޖުގައިވެ އެވެ.

ގައުމުގެ މަސްލަހަތު އިސްކުރައްވައި ރައްޔިތުންގެ ރައްކާތެރިކަމަށާއި ލާބަޔާއި މަންފާއަށް މެމްބަރުން މަސައްކަތް ކޮށްދެއްވާނެ ކަން ޔަގީން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މާތްﷲ ގެ އިރާދަފުޅާއެކު މަޖިލީހުގެ މަސައްކަތުގައި އިސާހިތަކު ތިޔަ އެންމެ އިއްޒަތްތެރި މެމްބަރުންނާއެކު އަޅުގަނޑު ބައިވެރިވާނަން. ދިވެހިރާއްޖޭގެ ލޮބުވެރި ރައްޔިތުންނާ އަޅުގަނޑު ބައްދަލުކުރާނަން." މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

ރައްޔިތުން އެދޭގޮތަށް މަސްއޫލިއްޔަތު އަދާކުރުމުގައި ދެމި ހުންނަވާނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މިހާތަނަށް ވަނީ ތިން މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފަ އެވެ. ބޭރުގެ ތަޖުރިބާކާރުންގެ އެހީއާ އެކު އަދިވެސް ތަހުގީގު ދަނީ ކުރިއަށެވެ.