17 May 2021, 11:46
ޣައްޒާ (17 މޭ 2021) : އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އުދުވާނާ އަދި ލާއިންސާނީ ޖަރީމާތަކުގައި ފަލަސްތީނުގެ މުޖާހިދުންނާ ދެކޮޅަށް ކަމެއް ނުކުރެވުނު ނަމަވެސް ބައިގަޑިއިރުގެ ތެރޭގައި 60 އަށްވުރެ ގިނަ ޙަމަލާދީ ޣައްޒާގެ އާންމުންގެ އެތައް ބަޔަކު ޝަހީދުކޮށްލައިފި އެވެ.
އެމެރިކާ އިސްރާއީލަށް ދީފައިވާ އެންމެ ޒަމާނީ ފައިޓާ ޖެޓްތައް ބޭނުންކޮށްގެން ޣައްޒާގެ އާންމުންނަށް އަމާޒުކޮށް މެދުކެނޑުމެއްނެތި ދެމުން ގެންދާ ހަމަލާތަކަށް އަށް ދުވަސްވެފައިވާއިރު ރޭ ބައިގަޑިއެއްހާ އިރުތެރޭގައި ޣައްޒާގެ އާއްމުން ދިރިއުޅޭ އިމާރާތްކާއި، މަގުތަކާއި، ސްކޫލްތަކާ އަދި ސަރުކާރު އޮފީސް އިމާރާތްތައް ހިމެނޭގޮތަށް 60 އަށްވުރެ ގިނަ ޙަމަލާ އިސްރާއީލުން ދީފައިވެ އެވެ.
އަމިއްލަ ނަފްސުގެ ދިފާއުގައި އިސްރާއީލަށް 3000 އަށްވުރެ ގިނަ ރޮކެޓް ޙަމަލާ
މިނިވަންކަމަށް މަސައްކަތްކުރާ ފަލަސްތީނުގެ ޙަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތް ފަދަ ޖަމާއަތްތަކުން އަމިއްލަ ނަފްސުގެ ދިފާއުގައި އިސްރާއީލަށް 3000 އަށް ވުރެ ގިނަ ރޮކެޓް ޙަމަލާތައް ދީފައިވާއިރު އެޙަމަލާތައް ހުއްޓުވުމުގައި އިސްރާއީލުގެ ލަޝްކަރުތައްވަނީ މުޅިން ނާކާމިޔާބުވެފަ އެވެ.

އިސްރާއީލުން ޣައްޒާގައި ހިންގާ ހަނގުރާމައިގެ ޖަރީމާ
ބޭރުގެ އެއްވެސް އެހީތެރިކަމެއް ނުލިބޭ އަދި އިސްރާއީލުން 15 އަހަރުވަންދެން ޙިސާރުކޮށްފައިވާ މުޖާހިދުންގެ ޙަމަލާތައް ހުއްޓުވުމަށް ނުކުޅެދުމުން އިސްރާއީލަށް ކުރިމަތިވެފައިވާ ލަދުވެތިކަން ފޫބެއްދުމަށް ޓަކައި އިސްރާއީލުގެ ސިފައިން އެމީހުންގެ ބާރު ދައްކަމުން ގެންދަނީ އެއްވެސް ހަތިޔާރެއްނެތް ފަލަސްތީނުގެ ޢާންމުންނަށެވެ.
ޣައްޒާއަށް މެދު ކެނޑުމެއްނެތި އިސްރާއީލުން ދޭ ހަމަލާތަކުގައި އާންމުން ދިރިއުޅޭ ހަ ޓަވަރަކަށް ބޮންއަޅައި ހަލާކުކޮށްލާފައިވެ އެވެ. އެ ހަ ޓަވަރުން ތިން ޓަވަރުވަނީ އާދަޔާ ޚިލާފަށް ބާރުގަދަ ހަތިޔާރުތަކެއް ބޭނުންކޮށްގެން މުޅިން ވައްޓާލައި ބިމާ ހަމަކޮށްލައިފަ އެވެ.
ބޭނުމަކީ އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވާބައެއްގެ މުޅި ދިރިއުޅުމާއި ޒިންދަގީ ފަނާކޮށްލާނެކަމުގެ ބިރު ދެއްކުން
މިކަމުގެ ބޭނުމަކީ އިސްރާއީލުގެ އިސްތިއްމާރާ އަދި އަޅުވެތިކަމާ ދެކޮޅަށް އަމިއްލަ ނަފްސުގެ ދިފާއުގައި ތެދުވާ ނަމަ އެބައެއްގެ މުޅި ދިރިއުޅުމާއި ޒިންދަނީ ފަނާކޮށްލާނެކަމުގެ ބިރު ދެއްކުމެވެ. މިއީ އިސްރާއީލުގެ ރަސްމީ ސިޔާސަތެކެވެ. ނަމަވެސް މިސިޔާސަތުދެކެ ފަލަސްތީނު ރައްޔިތުން ބިރެއް ނުގަނެ އެވެ. އެހެންގައުމުތަކުން މުޖާހިދުންނަށް ކުޑަމިންވަރަކަށް ވެސް ހަތިޔާރުދޭ ނަމަ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އިސްރާއީލު އަސްކަރީ ގޮތުން މުޅި އިނދަޖައްސާލެވިދާނެ ކަމާއި އިސްރާއީލަކީ އެގައުމުންނާ އަދި ހުޅަނގުގެ މީޑިއާތަކުން ޕްރޮމޯޓް ކުރާވަރުގެ ބާރުގަދަ އަދި ބަލި ނުކުރެވޭނެ ގައުމެއް ނޫންކަން ޣައްޒާގެ ހަނގުރާމައިން މުޅި ދުނިޔެއަށް ވަނީ ހާމަވެގެން ގޮސްފަ އެވެ.
މުޖާހިދުންގެ ޙަމަލާތައް ހުއްޓުވުމުގައި އިސްރާއީލު ނުކުޅެދިފައި
މުޖާހިދުންގެ ޙަމަލާތައް ހުއްޓުވުމުގައި ނުކުޅެދިފައިވާ އިސްރާއީލުގެ އުދުވާނާއި އަނިޔާވެރިކަން ކިތަންމެ ވަރުގަދަކުރިނަމަވެސް ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ޖަމާއަތްތަކުން ވެސް ދޫ ދީފައި ނުވެ އެވެ. ރޭގައިވެސް މުޖާހިދުން ވަނީ އިސްރާއީލުގެ އެންމެ ބޮޑު ހަތަރު ސިޓީއަށް އެތައް ސަތޭކަ ރޮކެޓް ޙަމަލާތަކެއް ދީފަ އެވެ. މީގެތެރެއިން ބައެއް ޙަމަލާތައް އިސްރާއީލުގެ މިސައިލް އައްޑަނައިގެ ނިޒާމުގެ ތެރެއިން މަތަކުރިނަމަވެސް ގިނަ ޙަމަލާތައްވަނީ އެރަށްތަކަށް އަރައިފަ އެވެ.

އިސްރާއީލުން ޙަމަލާދީ ވައްޓާލާފައިވާ އިމާރާތެއްގެ ދަށުވެފައިވާ މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަނީ
މުޖާހިދުންގެ ހަމަލާތަކުގައި އިސްރާއީލުގެ 10 މީހުން މިހާތަނަށް މަރުވެ 300 އަށްވުރެ ގިނަމީހުން ޒަޚަމްވިކަން ރަސްމީކޮށް އިސްރާއީލުން ކަށަވަރުކޮށްދިފައިވީ ނަމަވެސް މަރުވި އިސްރާއީލު މީހުންގެ އަދަދު މީގެ ދެގުނަ ނުވަތަ ތިން ގުނަ އިތުރުވާނެކަމަށް ތަޖްރިބަކާރުން ލަފާކުރެ އެވެ. އިސްރާއީލަކީ އެގައުމަށް ދޭ ހަމަލާތަކުގައި މަރުވާމީހުންނާ އަދި ލިބޭ ގެއްލުން ފޮރުވުމުގެ ރެކޯޑް އޮންނަ ގައުމެކެވެ. މުޖާހިދުންގެ ޙަމަލާތަކުގައި ލިބޭ ގެއްލުންތައް މީޑީއާއަށް ހާމަކުރަނީ އިސްރާއީލުގެ އަސްކަރިއްޔަގެ ކަމާބެހޭ އިދާރާއަކުން ބަލައި އެޕްރޫވް ކުރުމަށްފަހުގަ އެވެ.
ހަނގުރާމައިގެ ޙަގީގަތް ހަމަވެދާނެތީ އިސްރާއީލު ބިރުގަނޭ
ހަނގުރާމައިގެ ޙަގީގަތް ހަމަވެދާނެތީ އިސްރާއީލުން ވަނީ ޣައްޒާގައި ބޭރުގެ ނޫސްވެރިން ތިބޭ އިމާރާތަށް ބޮން އަޅައި އެއިމާރާތް ވައްޓާލައިފަ އެވެ. އިސްރާއީލުގެ ޙަމަލާތައް އަމާޒުކުރަނީ ޣައްޒާއަށް އެކަންޏެވެ. ނަމަވެސް މުޖާހިދުންގެ ޙަމަލާތައް އިސްރާއީލުގެ ހަތަރު ސިޓީއަކާއި ހަތް އަވަށާ އަދި އެތައް ވިލެޖަކަށް އަމާޒުކުރަމުން ގެންދެ އެވެ. އިސްރާއީލުގެ ހަމަލާތަކުގެ ގެއްލުން ފަލަސްތީނަށް ކިތަންމެ ބޮޑުނަމަވެސް މުޖާހިދުންގެ ހަމަލާތަކުގައި އިސްރާއީލަށް ލިބުނު ގެއްލުންތައްވެސް 200 މިލިޔަން ޑޮލަރަށް އަރާކަމަށް ރިޕޯޓްތައް ބުނެއެވެ.
އިސްރާއީލުން ޣައްޒާއަށް ދޭ ޙަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 203 މީހުން ޝަހީދުވެފައިވާއިރު 1200 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ. ޝަހީދުވީ މީހުންގެ ތެރޭގައި 53 ކުޑަކުދިންނާއި 32 އަންހެނުންވެސް ހިމެނެއެވެ.
އިސްރާއީލުގެ އުދުވާން ހުއްޓަން ގޮވާލުމަށް އެމެރިކާ ހުރަސްއަޅަނީ
ސްރާއީލުގެ އުދުވާން ހުއްޓާލުމަށް ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހުން ބަޔާނެއް ނެރުމަށް ތިންވަނަ ފަހަރު އެމަޖިލީހުން ކުރި މަސައްކަތްވެސް އެމެރިކާވަނީ ނާކާމިޔާބުކޮށްލާފަ އެވެ. އިސްރާއީލުގެ ޓެރަރިސްޓް ޙަރަކާތްތަކަށް އެމެރިކާ ތާއީދުކުރި ނަމަވެސް ސަލާމަތީ މަޖިލީހުގައި ހިމެނޭ އެހެން ގައުމުތަކުންވަނީ ޣައްޒާއަށް އިސްރާއީލު ދެމުން ގެންދާ އުދުވާނީ ހަމަލާ ހުއްޓާލުމަށް ގޮވާލައި ގުޅިފައިވާ ބަޔާނެއް ނެރެފަ އެވެ. (ނޫސްއެެޖންސީތައް)