17 May 2021, 09:50
މާލޭ ސިޓީގެ މޭޔަރުކަމަށް އިންތިހާބުވެވަޑައިގެންނެވި، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު، މޭޔަރުކަމުގެ ހުވާ މިއަދު ކުރައްވައިފި އެވެ.
މިހާރު ކުރިއަށްދާ ހުވާކުރުމުގެ ދަރުބާރުގައި، ޑރ. މުއިއްޒަށް ހުވާލައިދެއްވެީ ހައި ކޯޓުގެ އިސް ފަނޑިޔާރު، ހާތިފް ހިލްމީ އެވެ.
މާލޭގެ މޭޔަރު ކަމަށް މުއިއްޒު އިންތިހާބުވެޑައިގަތީ އެމްޑީޕީގެ ކެންޑިޑޭޓު އަނަސް އަބްދުއްސައްތާރާ ވާދަކޮށް، ބޮޑު ތަފާތަކުންނެވެ. އޭނާއަށް 12470 މީހުން ވޯޓުލި އިރު އަނަސްއަށް ވޯޓުލީ 7436 މީހުންނެވެ. މިއީ، މާލޭގެ މޭޔަރު ކަމަށް އެމްޑީޕީ ނޫން ޕާޓީއެއްގެ މީހަކު އިންތިހާބުވި ފުރަތަމަ ފަހަރެވެ.
ކުރިން އެމްޑީޕީއަށް މާލެ ސިޓީގެ މެޖޯރިޓީ ލިބުނު ނަމަވެސް، މިފަހަރު އިންތިހާބުގައި މާލެ ސިޓީ ކައުންސިލުގެ މެޖޯރިޓީވެސް ލިބިފައިވަނީ ޕީޕީއެމްއަށެވެ. އެގޮތުން މާލެ ސިޓީން ޕީޕީއެމްއިން 11 ގޮނޑި ނަގާފައިވެއެވެ. އެމްޑީޕީއަށް ލިބިފައި ވަނީ ހަ ގޮނޑި އެވެ.
އޮންލައިންކޮށް ކުރިއަށް ދިޔަ ހުވާކުރުމުގެ ރަސްމިއްޔާތުގައި، މާލޭ ސިޓީ ކައުންސިލުގެ ހަތަރު ވަނަ ދައުރަށް އިންތިހާބުވި ކައުންސިލަރުން މިއަދު ވަނީ ހުވާކޮށްފައެވެ. އަދި އަންހެނުންގެ ތަރައްގިއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން ވެސް ވަނީ އިގުރާރުވެފަ އެވެ.

މާލޭ ސިޓީގެ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން --
މާލޭ ސިޓީ ކައުންސިލް:
މޭޔަރު: ޑރ. މުހައްމަދު މުއިއްޒު
ހުޅުމާލެ ދާއިރާ: އިބްރާހީމް ޝުޖާއު
ވިލިމާލެ ދާއިރާ: ނަހުލާ އަލީ
މާފަންނު މެދު ދާއިރާ - އަހްމަދު ނަރީޝް
މާފަންނު އުތުރު ދާއިރާ - އާމިނަތު ޔުމްނާ
މާފަންނު ހުޅަނގު އުތުރު ދާއިރާ - މުހައްމަދު އަރީޝް
މާފަންނު ހުޅަނގު ދާއިރާ - އިބްރާހިމް އަބޫބަކުރު
މާފަންނު ދެކުނު ދާއިރާ - އަބްދުﷲ ނާސިރު
ހެންވޭރު އުތުރު ދާއިރާ - އައިޝަތު ނިޒްލީ ރަޝީދު
މެދު ހެންވޭރު ދާއިރާ - އާދަމް ރަމީޒު
ހެންވޭރު ދެކުނު ދާއިރާ - ފާތިމަތު ޝަމްނާޒް އަލީ ސަލީމް
ހެންވޭރު ހުޅަނގު ދާއިރާ - އަހްމަދު އައިފާން
ގަލޮޅު މެދު ދާއިރާ - މަރްޔަމް ރީހާން ނާޒިމް
ގަލޮޅު ދެކުނު ދާއިރާ - އިބްރާހިމް މުހައްމަދު
ގަލޮޅު ހުޅަނގު ދާއިރާ - މަރްޔަމް ނާޒިމާ މުހައްމަދު ފާއިޒު
ގަލޮޅު އުތުރު ދާއިރާ - މުހައްމަދު ސައިފް ފާތިހް
މައްޗަންގޮޅި އުތުރު ދާއިރާ - ސައީދާ ރަޝާދު
މައްޗަންގޮޅި މެދު ދާއިރާ - އަހްމަދު ޒަމީރު
މައްޗަންގޮޅި ދެކުނު ދާއިރާ - އައިޝަތު ނާޒިމާ
ހުވާކުރުމުގެ ރަސްމިއްޔާތަށް ފަހު، މިއަދު ވަނީ މާލޭ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ކުރިއަށް ގެންގޮސްފަ އެވެ.