ކޮވިޑް19 އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މަރުވެ، މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 100 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ، ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ގައި ފަރުވާ ދެމުން ދިޔަ އުމުރުން 56 އަހަރުގެ އަންހެނަކު މިއަދު ފަތިހު މަރުވެފައިވާ ކަމަށެވެ.

މި މެއި މަހަކީ ރާއްޖޭގައި ކޮވިޑް19 ފެތުރެން ފެށިފަހުން އެންމެ ގިނަ މީހުން މަރުވި މަހެވެ. ފާއިތުވި ދެ ހަފްތާ އަށް ބަލާއިރު 23 މީހަކު މިވަނީ ބަލީގައި މަރުވެފަ އެވެ.

ރޭ ހެލްތު އެމާޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ފަރާތުން ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ބަލީގައި މަރުވާ މީހުންގެ ތެރެއިން ގިނައީ ދިގު މުއްދަަތަކަށް ބޭސްކުރާ މީހުންނާއި އުމުރުން ދުވަސްވީ މީހުން ކަމަށެވެ. އެގޮތުން ބަލީގައި މަރުވި މީހުންގެ 70 ޕަސެންޓަކީ އުމުރުން 80 އަހަރުން މަތީގެ މީހުން ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

އަދި ފާއިތުވި ތިން ދުވަހު ބަލީގައި މަރުވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ވެކްސިންގެ އެއްވެސް ޑޯޒް އެއް ނުޖަހާ މީހުން ކަމަށް ޓެގުން ބުންޏެވެ.