ފުލުސް މަރުކަޒުތަކުގައި ރޯކޮށް ގެއްލުންތައް ދިން ރަށްރަށުން އަލުން އެ ރަށްރަށަށް ފުލުހުން ފޮނުވައިދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސްގައި އެދެން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ސަބް އިންސްޕެކްޓާ އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ މާލެ އާއި އަތޮޅު ތެރޭ ހިންގި ހަމަނުޖެހުންތަކުގައި ފުލުހުންގެ ސްޓޭޝަންތަކާއި ވެހިކަލްތަކުގައި ރޯކޮށް ކައުންސިލްތަކުން ގަރާރު ފާސްކޮށްގެން ފުލުހުން ބޭރު ކުރި ރަށްރަށުންނާއި ފުލުހުންނަށް އަނިޔާ ކުރި ބައެއް ރަށްރަށުގައި އަލުން ފުލުހުން ގާއިމުވެ ދިނުމަށް ހަމަނުޖެހުންތައް ހިންގި ބައެއް ރަށްރަށުން އެދި ސިޓީ އާއި ގަރާރުތައް ފުލުހަށް ފޮނުވަމުން އަންނަ ކަމަށެވެ.

ޝިޔާމް ވިދާޅުވީ އެގޮތަށް އެދެމުން ދިޔަ ނަމަވެސް އެ ރަށްރަށަށް ފުލުހުން ފޮނުވުމާމެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.

މާލޭގައި ދިގު ދެމިގެން ދިޔަ މުޒާހަރާތަކަކަށްފަހު މިދިއަ އަންގާރަ ދުވަހު ރައީސް ނަޝީދުގެ ސަރުކާރު ވައްޓާލި ފަހުން ޖެހިގެން އައި ދުވަހު މާލެ އާއި ބައެއް ރަށްރަށުގެ ފުލުހުންގެ މަރުކަޒު ތަކަށް ގެއްލުން ދީ ހުޅުޖަހައި އެތަންތަނުގައި ހުރި ޑޮކިއުމަންޓްތައް ވެސް ވަނީ އަނދާލި އެވެ. އަނދައިގެން ދިޔައީ ކޮން ތަކެއްޗެއްކަން އަދި ސާފު ނުވާއިރު މައްސަލަތައް ދަނީ ތަހުގީގު ކުރަމުންނެވެ.

ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އިއްޔެ ވިދާޅުވީ ބުދަ ދުވަހު ތަންތަނަށާއި މުދަލަށާއި މީހުންނަށް ގެއްލުންތައް ދިން މީހުންގެ ތަހުގީގު ދެ ހަފުތާގެ ތެރޭގައި ނިންމައި ޕީޖީއަށް ފޮނުއްވާނެ ކަމަށެވެ. މި މައްސަލަލަތަކާއި ގުޅިގެން ވަރަށް ގިނަ ބަޔަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.