17 May 2021, 00:18
ކާފިއު ވަގުތު ބޭރުގައި އުޅުނު 160 މީހަކު ޖޫރިމަނާކޮށްފި އެވެ.
ކޮވިޑް19 ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މާސްކު ނާޅާ އުޅޭ މީހުންނާއި ކާފިއު ވަގުތު ބޭރަށް ނިކުމެ އުޅޭ މީހުން އަދި ހުއްދަ ނެތި އުޅަނދު ދުއްވާ މީހުން ޖޫރިމަނާކޮށް ފިޔަވަޅު އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ އިއްޔެ އެކަނި ވެސް، ކާފިއު ވަގުތު ބޭރުގަައި އުޅުނު 160 މީހަކު ޖޫރިމަނާ ކުރި ކަމަށާއި ވެހިކަލް ދުއްވި 23 މީހަކު ވެސް ޖޫރިމަނާ ކުރި ކަމަށެވެ. އަދި މާސްކު ނާޅާ އުޅުނު 103 މީހަކު ވެސް ޖޫރިމަނާ ކުރި ކަމަށް މަބްރޫކު ވިދާޅުވި އެވެ.
ކޮވިޑުން ރައްކާތެރިވުމަށް ފިޔަވަޅުތައް ވަރުގަދަކޮށް ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް ކާފިއު އިއުލާނުކޮށް އެ ވަގުތުގައި ހުއްދަ ނެތި ބޭރަށް ނިކުމެ އުޅުމާއި ވެހިކަލް ދުއްވުން ވަނީ މަނާކޮށްފަ އެވެ.
މާސްކު ނާޅާ އުޅޭ މީހުންނާއި ކާފިއު އާ ހިލާފުވާ މީހުން ޖޫރިމަނާ ކުރަނީ 1،000 ރުފިޔާ އިންނެވެ.
އެޗްޕީއޭ އިން މިއަދު އާންމު ކުރި މައުލޫމާތަށް ބަލާއިރު އިއްޔެގެ ހަވީރު ހަޔަކުން މިއަދު ހަވީރު ހަޔަކާ ދެމެދު 515 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މިވަގުތު 15،900 އަށް ވުރެ ގިނަ މީހުން ބައްޔަށް ފަރުވާ ހޯދަމުންދާއިރު މި މަހުގެ މިހާތަނަށް 24 މީހަކު މަރުވެ ޖުމްލަ މަރުވި މީހުންގެ އަދަދު ވަނީ 98 އަށް އަރައިފަ އެވެ.