16 May 2021, 23:44
ފްލޫ ކްލިނިކަށް ދައްކާ މީހުންގެ ތެރެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ފަސް ގުނަ އިތުރުވެފައިވާ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ބުނެފި އެވެ.
އެޗްއީއޯސީ އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެގް ޓީމުގެ ފަރާތުން ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ފާއިތުވި ތިން ހަފްތާ ގައި ކޮވިޑް ކޭސްތައް ހުރީ ހަފްތާ އަކު 5،000 ކޭހުން މަތީގައި ކަމަށެވެ. އޭގެ ކުރިން ހުރީ ހަފްތާ އަކު 900 ކޭސް ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
މާލޭ ސަރަހައްދުގައި ފާއިތުވި ދެ ހަފްތާ ކޮންމެ ދުވަހެއްގެ މައްޗަށް 500 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވަމުން ގޮސްފައިވާއިރު، ފާއިތުވި އެއް ހަފްތާ ތެރޭ އެ އަދަދު އިތުރުވެފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
"ބެކް ލޮގް ރިމޫވް ކުރުމަށްފަހު ވެސް ކޮންމެ ދުވަހެއްގެ މައްޗަށް މާލޭ އޭރިއާ އިން 700 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވަމުން ގޮސްފައި ވަނީ،" ޑރ. ޝަހީދު ވިދާޅުވި އެވެ.
ބަލީގެ އަލާމާތްތަކާއެކު ޓެސްޓު ކުރާ މީހުންގެ ތެރެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު މާލޭ ސަރަހައްދުގައި ވަނީ ފަސް ޕަސެންޓުން 25 ޕަސެންޓަށް އިތުރުވެފައި ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ.
ސާމްޕަލް ޕޮޒިޓިވިޓީ ރޭޓަށް ބަލާއިރު ހަފްތާ އެއްގެ ތެރޭ ނަގާ ހުރިހާ ސާމްޕަލްގެ ތެރެއިން، ކޮންމެ ތިން ސާމްޕަލަކުން އެއް ސާމްޕަލް ޕޮޒިޓިވްވަމުން ގޮސްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް އިތުރުވެފައިވާ އިރު މީގެ ތިން ހަފްތާ ކުރިން 100 މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާ ދިން ނަމަވެސް މިހާރު އެ އަދަދު 262 އަށް އަރައިފަ އެވެ. އޭގެ ތެރެެއިން 16 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު 10 މީހަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގަ އެވެ.
"ހަގީގަތުގައި މިފަހަރު ކޭސްތައް މައްޗަށް ދިޔުމާ ގުޅިގެން އަޅުގަނޑުމެން ކޮވިޑަށް ފަރުވާ ދޭން ބޭނުންކުރާ ފެސިލިޓީތައް ފުރިގެން މިހާރު އިތުރަށް ބެޑުތައް މޮބިލައިޒްކޮށްގެން އެޑްމިޝަންސް މި ދެނީ. އެގޮތަށް ބަލާއިރު ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓު ކުރަން ހުރި ޖާގަަ ފުރިގެން އިތުރަށް ބެޑްސް ކްރިއޭޓު ކޮށްގެން އެޑްމިޓު ކުރަމުން މިދަނީ،" ޑރ. ޝަހީދު ވިދާޅުވި އެވެ.
"ހަމައެއާއެކު ހުޅުމާލެެ ހޮސްޕިޓަލުގެވެސް ބައެއް ވޯޑުތައް ނަގައިގެން ކޮވިޑުގެ ފަރުވާ ދިނުމަށް އެނދުތައް އިތުރު ކުރެވިފައި ވަނީ. އަސްލު އެނދުތައް ފުރިގެން އިތުރަށް އެޑްމިޝަން ކެޕޭސިޓީ ކްރިއޭޓު ކޮށްގެން މިހާރު ފަރުވާ ދެމުން މިދަނި،"
ޑޮކްޓަރު ވިދާޅުވީ މިހާރަށްވުރެވެސް އެރޭންޖުމެންޓުތައް އިތުރުކުރަން ޖެހޭ ކަމަށް ބެލެވޭ ކަމަށެވެ.
"އެގޮތަށް ބަލާފައި އައިޖީއެމްއެޗުގެ ބައެއް ވޯޑުތައްވެސް ކޮވިޑުގެ އެޑްމިޝަންތަކަށް ތައްޔާރު ކުރަމުން ދަނީ،"
އިތުރު އެޑްމިޝަންތަކަށް ކޭޓާ ކުރުމަށް އެރޭންޖުމެންތުތައް ހަދަމުންދާ ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ.
ރާއްޖޭގައި މިވަގުތު 15،900 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ފަރުވާ ހޯދަމުން އެބަދެ އެވެ.