ރާއްޖެއިން 741 މީހަކު މިއަދު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި މައުލޫމާތަށް ބަލާއިރު އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 515 ކޭސް އަކީ އިއްޔެގެ ހަވީރު ހަޔަކުން މިއަދުގެ ހަވީރު ހަޔަކާ ހަމައަށް ނެގި ސާމްޕަލް ތަކުން ޕޮޒިޓިވްވި މީހުންނެވެ.

އަލަށް ޕޮޒިޓިވް ވި ކޭސްތަކުގެ ތެރޭ ހިމެނެނީ މާލެ ސަރަހައްދުން 560 މީހުންނާއި މީހުން ދިރިއުޅޭ ރަށްރަށުން 156 މީހުން އަދި ރިސޯޓުތަކުން 25 މީހުންނެވެ. މިއާ އެކު ރާއްޖޭގައި މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ޖުމްލަ ވަނީ 15،958 އަށް އަރައިފަ އެވެ.

އޭގެ ތެރެއިން 262 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާއިރު ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ނުވަ މީހަކަށް ފަރުވާ ދެމުންދާއިރު ހަތް މީހަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގަ އެވެ. ޑީއެޗު17 ގައި އަށް މީހަކަށް އަދި ޑީއެޗު16 ގައި ހަ މީހަކަށް ފަރުވާ ދެމުންދާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ޖުމްލަ 193 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން ހަތް މީހަކު އައިސީޔޫގައި އޮތް އިރު ތިން މީހަކު އޮތީ ވެންޓިލޭޓަރުގަ އެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި ކޮވިޑަށް ފަރުވާދޭން ގާއިމުކުރި ފެސިލިޓީގައި ވެސް 25 މީހަކު އެބަތިއްބެވެ.

މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ 28،459 އަށް އަރާފައިވާއިރު ބަލީގައި 97 މީހަކު ވަނީ މަރުވެފަ އެވެ. މިއަދު ވެސް ކޮވިޑުގައި ރާއްޖެއިން ތިން މީހަކު މަރުވެފައިވެ އެވެ.