ކުރީ ސަރުކާރުން އުފައްދާފައިވާ ގައުމީ އިދާރާތައް އުވާނުލާ ކަމަށް ހޯމްމިނިސްޓްރީން މިއަދު ބުނެފި އެވެ.

އެމިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ހޯމްމިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު މީޑިޔާތަކަށް ދެއްވާފައިވާ އިންޓަވިއުތަކުގައި ވިދާޅުވެފައި ވާނީ ގައުމީ އިދާރާތައް ކުރިއަށް އޮތްތާނގައި ނުހުންނާނެ ވާހަކަ ކަމަށެވެ.

އަދި ބުނީ އެފަދަ މުއައްސަސާތައް އުވާލުމުގެ ކުރިން އެތަންތަނުން ކުރަމުން ގެންދިޔަ މަސައްކަތްތަކާއި އެތަންތަނުން ދެމުންދިޔަ ހިދުމަތްތައް ސަރުކާރުގެ މުއައްސަސާތަކުން ދެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ. އަދި އެތަންތަނުގައި މަސައްކަތް ކުރި ސިވިލް ސާވަންޓުންގެ ވާޒީފާ އެހެން ދާއިރާތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާތީ މިމަރުހަލާގައި ގައުމީ އިދާރަތައް އުވާނުލާ ކަމަށެވެ.

އިއްޔެ ސަންއޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު ޑރ. ޖަމީލު ވިދާޅުވީ ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން ރާއްޖޭގެ ހަތް ސަރަހައްދުގައި ގާއިމްކޮށްފައިވާ ގައުމީ އިދާރާތައް އުވާލުމަށްފަހު އެ އިދާރާތަކުގައި ތިބި ހުރިހާ ސިޔާސީ މީހުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.

"ގައުމީ އިދާރާތައް ހެދިފައިހުރި ގޮތުން އެއީ ހުންނަން ޖެހޭ އިދާރާތަކެއް ކަމަށް ގަބޫލެއް ނުކުރެވޭ. މިހާރުން މިހާރަށް އަޅުގަނޑުވާނީ ނަޝީދުގެ ސަރުކާރުން އެ ތަންތަނަށް އައްޔަންކޮށްފައިވާ ސިޔާސީ ފަރާތްތައް ވަކިކޮށްފައި،" ޑރ. ޖަމީލު ވިދާޅުވި އެވެ.

މިނިސްޓަރު ޑރ. ޖަމީލު ވިދާޅުވީ ގައުމީ އިދާރާތައް އުވާލިކަމަށް ވިޔަސް އެތަންތަނުގައި ތިބި ސިވިލް ސާވިސް މުވައްޒަފުން ވަޒީފާއިން ވަކި ނުކުރައްވާނެ ކަމަށާއި، މިހާރު އެތަންތަނުގައި ތިބި ސިވިލް ސާވިސް މުވައްޒަފުންގެ ވަޒީފާ އެހެންތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.