16 May 2021, 21:42
ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރަން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ކޮންސްޓްރަކްޝަން ޕީރިއަޑް ހަމަވެފައިވާ ތަންތަނުގެ ކޮންސްޓްރަކްޝަން ޕީރިއަޑު އިތުރުކުރުމަށާއި ކުއްޔާ ގުޅިގެން އަރާފައިވާ ޖޫރިމަނާ އަށް ލުއި ހޯދުމަށް އެދި 2021 ޖޫން 17ގެ ކުރިން ޓޫރިޒަމް މިނިސްޓްރީ އަށް ހުށަހަޅަން ވާނެ ކަމަށް ބުނެ، ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި، ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވައިދަށް އިސްލާހު ގެނެސްފި އެވެ.
ޓޫރިޒަމް މިނިސްޓްރީ އިން މިއަދު ވަނީ އެ ގަވައިދަށް އިތުރު އެހެން އިސްލާހެއް ވެސް ގެނެސްފަ އެވެ. އެގޮތުން ގަވައިދަށް ދެން ގެނައި އިސްލާހަކީ ގަވައިދުގެ 4-8 ވަނަ މާއްދާގެ ފަހަތަށް (ނ)ގެ ގޮތުގައި އިތުރު އަކުރެއް އިތުރު ކުރުމެވެ.
އިތުރު ކުރި މާއްދާގައި ބުނެފައި ވަނީ ގަވައިދަށް އަމަލުކުރަން ފަށާއިރު ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީ ކުރުމަށް ކުއްޔަށް ދޫކޮށް، ތަރައްގީ ކުރެވިފައިނުވާ ތަންތަނުގެ ކުއްޔާ ގުޅިގެން އަރާފައިވާ ޖޫރިމަނާއަށް ގަވާއިދުގެ ދަށުން ލުއި ހޯދުމަށް އެދި މިނިސްޓްރީއަށް ހުށަހަޅައިފައިވާ ހުށަހެޅުންތަކަކީ ސައްޙަ ހުށަހެޅުންތަކެއް ކަމުގައި ބަލައިގަންނަންވާނެ ކަމަށެވެ.
ފަތުރުވެރި ކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރައް ތަރައްގީކުރަން ދީފައިވާ މުއްދަތު އިތުރުކޮށްދީ އެރަށްތަކަށް ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާ ދައްކަން ޖެހޭ މުއްދަތު އިތުރުކޮށްދިނުމުގައި އަމަލު ކުރާނެ ގޮތުގެ ގަވައިދެއް އެކުލަވާލާފައި ވަނީ 2019 ވަނަ އަހަރު އެވެ.
ގަވަައިދުގައިވާ ގޮތުން ފަތުރުވެރިކަމުގެ ބޭނުމަށް ތަންތަން ކުއްޔަށް ދިނުމާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީއިން ވެފައިވާ އެއްބަސްވުމުގައި ދީފައިވާ މުއްދަތަށް ތަރައްގީކޮށް ނިމިފައިނުވާ ތަންތަނުގެ "ކޮންސްޓްރަކްޝަން ޕީރިއަޑް" އިތުރުކޮށްދިނުމުގެ ބާރު އެ މިނިސްޓްރީއަށް ލިބިގެންވެ އެވެ.
އެގޮތުން ކުއްޔަށް ދޫކުރާ ތަން އެއްކޮށް ތަރައްގީކޮށް ނިންމުމަށް މުއްދަތެއް ދިނުމާއި ބައި ބަޔަށް ބަހާލައިގެން ތަރައްގީކުރަން މުއްދަތެއް ދެވޭނެ ގޮތްތަކެއް ގަވައިދުގައި ބަޔާންކޮށްފައިވެ އެވެ.