16 May 2021, 19:08
ހއ. ފިއްލަދޫ އާއި ލ. މާބައިދޫ ކައުންސިލްގެ ރައީސް ހުވާ ކުރުން ފަސްކުރުމަށް ހައިކޯޓުން އަމުރުކޮށްފި އެވެ.
ހައިކޯޓުން ނެރުނު އަމުރުގައި ބުނީ ފިއްލަދޫ ކައުންސިލްގެ ރައީސްގެ ވޯޓާ ގުޅިގެން އެ ކޯޓަށް އިންތިހާބީ ޝަކުވާ އެއް ހުށަހަޅާފައިވާ ކަމަށާއި އެ ޝަކުވާގެ މައްސަލަ ނިމުމުގެ ކުރިން ކައުންސިލްގެ ރައީސް ކަމުގެ ގާނޫނީ ހުވާ ކުރުމަކީ ވޯޓާ ގުޅިގެން މައްސަލަ ހުށަހަޅާފައިވާ ފަރާތާއި އިންތިހާބުގައި ވާދަކުރި ފަރާތްތަކުގެ ހައްގަށް އުނިކަން އައިސްދާނެ ކަމެއް ކަމަށެވެ.
އެހެންކަމުން ކޯޓުން ވަކިގޮތެއް އަންގަންދެން ނުވަތަ މައްސަލަ ނިމެންދެން ފިއްލަދޫ ކައުންސިލްގެ ރައީސް ކަމުގެ ހުވާ ކުރުން ފަސްކުރަން ވަނީ އަމުރު ކޮށްފަ އެވެ.
މާބައިދޫ ކައުންސިލްގެ ރައީސގްގެ ވޯޓާ ގުޅިގެންވެސް ހައިކޯޓަށް މައްސަލައެއް ވަނީ ހުށަހެޅިފަ އެވެ. ހައިކޯޓުން ވަނީ އެ މައްސަލަ ބަލައި ނިމެންދެން އެ ކައުންސިލްގެ ރައީސް ކަމުގެ ގާނޫނީ ހުވާކުރުން ފަސްކުރުމަށްވެސް އަމުރު ކޮށްފައެވެ. އެ އަމުރުގައި ބުނީ މާބައިދޫ ކައުންސިލްގެ ރައީސްގެ ވޯޓާ ގުޅިގެން އިންތިހާބާ ގުޅޭ ޝަކުވާ އެއް ހުށަހެޅިފައިވާ ކަމަށާއި އެ ޝަކުވާގެ މައްސަލަ ނިމުމުގެ ކުރިން ކައުންސިލްގެ ރައީސް ކަމުގެ ގާނޫނީ ހުވާ ކުރުމަކީ ވޯޓާ ގުޅިގެން މައްސަލަ ހުށަހަޅާފައިވާ ފަރާތާއި އިންތިހާބުގައި ވާދަކުރި ފަރާތްތަކުގެ ހައްގަށް އުނިކަން އައިސްދާނެ ކަމެއް ކަމަށެވެ.
މިދިޔަ އޭޕްރީލް 10 ވަނަ ދުވަހު ބޭއްވި ކައުންސިލްތަކުގެ އިންތިހާބުގައި ކައުންސިލުތަކަށް އިންތިހާބުވި ފަރާަތްތަކުގެ ހުވާކުރުން މާދަމާ ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.