12 Feb 2012, 11:52
ރާއްޖޭގެ ވެރިކަން ބަދަލުވުމާ ގުޅިގެން އުފެދިފައިވާ މައްސަލަތައް އަމިއްލައަށް ހައްލުކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށް އިންޑިޔާ އިން ބުނެފި އެވެ.
ރާއްޖޭގައި މިމަހުގެ ހަތް ވަނަ ދުވަހާއި ހަ ވަނަ ދުވަހު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގެ ހާލަތު ބެލުމަށް އިންޑިޔާ އިން ފޮނުވި ސްޕެޝަލް އެންވޯއީ އެމްއީއޭ އެމް ގަނަޕަތީއާ ހަވާލާދީ އިންޑިޔާގެ "ދަ ހިންދޫ" ނޫހުން އިއްޔެ ބުނީ ރާއްޖޭގެ ހުރިހާ ފަރާތްތަކާ އެކު އޭނާ މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ ފަރާތްތަކުގެ މެދުގައި ސުލްހަވެރިކަމާ އެކު މަޝްވަރާތައް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި ކަމަށް ވެސް އެ ނޫހުގައިވެ އެވެ.
"އިންޑިޔާ އިން އަދިވެސް ގަބޫލުކުރަނީ ރާއްޖޭގެ މަޝްރަހަށް ބަދަލުތަކެއް އަންނަމުންދާ ކަމަށް. އަދި ރާއްޖޭގެ ގާނޫނު އަސާސީގެ ތެރޭގައި މަސައްކަތް ކޮށްގެން ސުލްހަވެރިކަމާ އެކު ދިވެހިންނަށް އެމައްލަތައް ހައްލު ކުރެވޭނެ ކަމަށް، އެކަމުގެ ތެރެއަށް ވަންނާކަށް ނުޖެހޭ،" ގަނަޕަތީ ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.
ކުރީގެ ރައީސް ނަޝީދަށް ތާއީދު ނުކުރުމުގެ ސަބަބުން އިންޑިޔާ އަށް ގެއްލުން ނުވޭތޯ ސުވާލު ދެންނެވުމުން ގަނަޕަތީ ވިދާޅުވި ކަމަށް އެނޫހުގައި ވަނީ، "މިއީ ކުޅިބަލާ މީހުންގެ ނަޒަރުން ދެކެވެން އޮތް، ކުރިކެޓް މެޗެއް ފަދަ ކަމެއް ނޫން ކަމަށާއި މިއީ ސީރިއަސް މައްސަލައެއް ކަމަށެވެ. އަދި ރައީސް ނަޝީދުގެ ޓީމާ އެކު ކުރިއަށް ދާން ޖެހޭ ހެން ހީވާ ކަމަށާއި މިހާރު ވެސް ފާއިތުވި ދެ ދުވަހު ވެސް ވާހަކަތައް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި ރާއްޖޭގައި ހުރި އިންޑިޔާގެ ސަފީރު ހުރިހާ ފަރާތްތަކަކާ ވާހަކަ ދައްކަވަމުންދާ" ކަމަށެވެ.
އަދި ރާއްޖޭގެ ވެރިކަން ބަދަލުކުރީ އިންގިލާބަކުން ކަމަށް ގަބޫލުކުރެއްވޭތޯ ދެންނެވުމުން ގަނަޕަތީ ވިދާޅުވި ކަމަށް އެ ނޫހުގައި ވަނީ އެކަން ކަނޑައަޅާނީ ރާއްޖޭގެ ސިޔާސީ ފަރާތްތަކުން ކަމަށެވެ.