ތެލް އަވީވް (މެއި 16): އިސްރާއީލުން ޣައްޒާއަށް ހަމަލާ ދެމުން ދާނެ ކަމަށާއި އެއީ އެގައުމުން ދޭ ހަމަލާތަކުގެ ރައްދެއް ކަމަށް އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

ޓީވީ މެދުވެރިކޮށް ގައުމާ މުހާތަބު ކުރައްވަމުން ރޭ ނަތަންޔާހޫ ޣައްޒާއަށް ދެމުންދާ ހަމަލާތައް ސިފަ ކުރެއްވީ އިސްރާއީލުން ކުރިއަށްގެންދާ "އިންސާފުވެރި އޮޕަރޭޝަނެއް"ގެ ގޮތުގަ އެވެ. އަދި އެ ހަމަނުޖެހުންތައް ފެށުނީ ހަމާސްއިން "އެއްވެސް ސަބަބަކާ ނުލައި ގުދުސްއަށް ރޮކެޓު ހަމަލާ ދިނުމުން ކަމަށާއި ވީމާ ހަމަނުޖެހުންތަކުގެ ޒިންމާ ނަގަން ޖެހޭނީ އެ ޖަމާއަތުން" ކަމަށް އޭނާ ވިދާޅުވި އެވެ.

"އިސްރާއީލް މަޑަކުން ނޯންނާނެ. އިސްރާއީލުން ވަނީ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދީފައި އަދި އަދި ވެސް ވަރުގަދަ ރައްދުތައް ދެމުންދާނަން... މި ކުރިމަތިލުމުގެ ޒިންމާ ނަގަން ޖެހޭނީ އަޅުގަނޑުމެންނެއް ނޫން، އެކަން ކުރަން ޖެހޭނީ އަޅުގަނޑުމެންނަށް ހަމަލާ ދިން ބަޔަކު،" ނަތަންޔާހޫ ވިދާޅުވި އެވެ.

މީގެ އިތުރުން ނަތަންޔާހޫ ވަނީ އިއްޔެ އެމެރިކާގެ ރައީސް ޖޯ ބައިޑެން އޭނާއަށް ފޯނުން ގުޅުއްވިކަން ފާހަގަ ކުރައްވާ، އެގައުމުން އިސްރާއީލަށް ކުރާ ތާއީދަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

މިދިޔަ ހަފްތާގެ ހޯމަ ދުވަހު ހަމާސް އިން އިސްރާއީލަށް އަމާޒުކޮށް ރޮކެޓު ހަމަލާ ދިނީ އެގައުމުގެ ފުލުހުން އަލް އަގްސާ މިސްކިތަށް ވަދެ، ނަމާދު ކުރަން ތިބި މީހުންނަށް ފުރައްސާރަކޮށް، ކަރުނަ ގޭސް ޖަހާ، ސްޓަން ގްރެނޭޑު އުކި ފަހުންނެވެ. އަދި އަގްސާ މިސްކިތުން ފުލުހުން ނުފައިބައިފި ނަމަ ހަމަލާ ދޭނެ ކަމުގެ އިންޒާރު ދިނުމަށް ފަހު އެވެ.

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި މިހާތަނަށް 149 މީހަކު މަރުވެފައިވާ އިރު އޭގެ ތެރޭގައި 41 ކުޑަކުދިން ހިމެނެ އެވެ. އަދި 950 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވެ އެވެ.

އިސްރާއީލުން ބުނި ގޮތުގައި އެގައުމަށް އަމާޒުވި ހަމަލާތަކުގައި 10 މީހަކު މަރުވެފައިވެ އެވެ.