16 May 2021, 11:02
ދައުހާ (16 މޭ 2021) : އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގާ އުދުވާނާއި އާންމުންގެ ގެދޮރަށާއި މަދަނީ ތަންތަނަށް ދޭ ސްޓޭޓް ޓެރަރިޒަމްގެ ޙަމަލާތަކަކީ ހަނގުރާމައިގެ ޖަރީމާތައް ކަމަށް ސިފަކޮށް އިސްރާއީލުގެ ހަރުކަށި ވެރިން ބައިނަލްއަގްވާމީ އާދާލަތަށް ހާޒިރު ކުރުމަށް ގޮވާލައި ދުނިޔޭގެ އެކި ގައުމުތަކުގައި މުޒާހަރާކޮށްފި އެވެ.
އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ރައްޔިތުން މުޒާހަރާކުރި ގައުމުތަކުގެ ތެރޭގައި އަރަބި އަދި އިސްލާމީ ގައުމުތަކުގެ އިތުރުން ކެނެޑާ، އެމެރިކާ، ލެޓިން އެމެރިކާގެ ގައުމުތަކާއި ޔޫރަޕްގެ ގައުމުތައް ހިމެނެ އެވެ. މުޒާހަރާކުރި ގައުމުތަކުގެ ތެރެއިން އެމެރިކާއާއި ޔޫރަޕްގެ ބައެއް ގައުމުތަކަކީ އިސްރާއީލުން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހިންގާ ޓެރަރިޒަމްގެ އަމަލުތަކަށް ހިއްވަރުދީ އަދި އިސްރާއީލުގެ ލާއިންސާނީ އަމަލުތަކަށް އެގައުމުތަކުގެ ސަރުކާރުތަކުން ތާއީދުކުރާ ގައުމުތަކެވެ.
އެމެރިކާ އާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި އޮސްޓްރިއާ ފަދަ ގައުމުތަކުގެ ސަރުކާރުތަކަކީ އިންސާނީ ހައްގުތަކަށް ބެލުމެއްނެތި އިސްރާއީލުން ހިންގާ ޓެރަރިސްޓް ޙަރަކާތްތަކަށް އަބަދު ވެސް ތާއީދުކުރާ ގައުމުތަކެވެ. އެހެންކަމުން މިހާރު ފަލަސްތީނާ ދެކޮޅަށް އިސްރާއީލު ހިންގާ ޓެރަރިޒަމްގެ އަމަލުތަކާ ދެކޮޅަށް ވެސް އެގައުމުތަކުގެ ސަރުކާރުތަކުން ވަނީ ފާޅުގައި ތާއީދުކޮށް އަމިއްލަ ނަފްސުގެ ދިފާއުގައި އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއުމާރާ ދެކޮޅަށް ތެދުވުމުގެ ހައްގު ފަލަސްތީނަށް ނެތްކަން ހާމަވާގޮތަށް ވާހަކަ ދައްކައި ބަޔާންތައް ނެރެފަ އެވެ.
އެމެރިކާ
އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއްމާރާ ދެކޮޅަށް އެމެރިކާގެ އެތަށް ސިޓީއެއްގައި އާންމުންގެ އެތައް ހާސް ބަޔަކުވަނީ މުޒާހަރާކޮށްފަ އެވެ. މުޒާހަރާކުރި ބޮޑެތި ސިޓީތަކުގެ ތެރޭގައި ވެރިރަށް ވޮޝިންޓަން، ނިޔުޔޯކް، ލޮސްއެންޖަލޮސް، ކެލިފޯނިއާ ފަދަ ސިޓީތައް ހިމެނެ އެވެ. ވޮޝިންޓަންގައި މުޒާހަރާކޮށްފައި ވަނީ ވައިޓް ހައުސްއާ ވަރަށް ގާތުގަ އެވެ.

މުޒާހަރާކުރި އެމެރިކާގެ ރައްޔިތުން ވަނީ އެމެރިކާ އިން ޓެރަރިޒަމާ ދެކޮޅު ނަމުގައި ހަނގުރާމަކުރާ އިރު އިސްރާއީލުން ހިންގާ ސްޓޭޓް ޓެރަރިޒަމްގެ އަމަލުތަކާ މެދު އެމެރިކާ ސަރުކާރުން އަޅާނުލާ މައްސަލަ ކުށްވެރިކޮށްފަ އެވެ. އަދި އިސްރާއީލުން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހިންގާ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ޖަރީމާތަކާ އެމެރިކާ އަޅާނުލާ މައްސަލަ ވެސް ވަނީ ކުށްވެރިކޮށްފަ އެވެ. މި މުޒާހަރާތަކުގައި އެމެރިކާގެ ސިޔާސީ އެއްވެސް ފަރާތެއް ބައިވެރި ނުވާކަމަށް ރިޕޯޓްތައް ބުނެ އެވެ.
ކެނެޑާ
ކެނެޑާގެ ވެސް އެތައް ސިޓީއެއްގައި އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއްމާރާ ދެކޮޅަށް އެގައުމުގެ ރައްޔިތުން މުޒާހަރާކޮށް އިސްރާއީލުގެ ލާއިންސާނީ ޖަރީމާތައް ކުށްވެރި ކުރި އެވެ. ކެނެޑާގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން އިސްނަގައިގެން ކުރި މި މުޒާހަރާތައް އެންމެ ބޮޑަށް ފެނިގެންދިޔައީ ވެރިރަށް އޮޓަވާއިންނެވެ.
ބްރަޒިލް
ބްރަޒިލްގެ އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއްމާރާ ދެކޮޅަށް އެގައުމުގެ ރައްޔިތުންގެ އެތައް ހާސްބަޔަކު މުޒާހަރާކުރި އެވެ. ކަނާތު ފިޔައިގެ ހަރުކަށި ފިކުރުގެ ވެރިކަމެއް އޮންނަ ބްރަޒީލްގެ ސަރުކާރަކީ ވެސް އިސްރާއީލުގެ އަނިޔާވެރިކަން ކުށްވެރި ކުރުމަށް ފަސްޖެހިފައިވާ ސަރުކާރެކެވެ. ނަމަވެސް ބްރަޒީލްގެ އާންމުންވަނީ އެގައުމުގެ ސައުޕާލޯ އާއި އެނޫން ވެސް އެތައް ސިޓީއެއްގައި ފަލަސްތީނުގެ ދިދަ އުފުލައި އިސްރާއީލުގެ ޓެރަރިސްޓް އަމަލުތައް ކުށްވެރިކޮށްފަ އެވެ.

ފަރަންސޭސިވިލާތް
ފަރަންސޭސި ސަރުކާރަކީ ފާޅުކަން ބޮޑުގޮތެއްގައި އިސްރާއީލުގެ ޓެރަރިޒަމަށް ތާއީދުކުރާ ސަރުކާރެކެވެ. އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް މުޒާހަރާކުރުމަށް ފަރަންސޭސި ސަރުކާރުން ވަނީ ބޮޑެތި ހުރަސްތަކެއް އަޅާފަ އެވެ. މިއާއެކު ވެސް ފަރަންސޭސި ރައްޔިތުންގެ ތެރެއިން އެތައް ހާސް ބަޔަކު ވަނީ އިސްރާއީލަށް ވާގިދޭ ފަރަންސޭސި ސަރުކާރުގެ ލާއިންސާނީ ސިޔާސަތުތައް ކުށްވެރިކޮށް ފަލަސްތީނަށް ތާއީދުކުރާކަން ހާމަކޮށް ހިނގާލުންތަކެއް ވެރިރަށް ޕެރިހުގައި ބައްވާފަ އެވެ. މިމުޒާހަރާތަކުގައި އިސްރާއީލަކީ ދުނިޔޭގެ އެންމެ ބޮޑު ޓެރަރިސްޓް ގައުމު ކަމާއި އެންމެ ނުރައްކާތެރި މުޖްރިމު ކަމަށް ވަނީ ސިފަކޮށްފަ އެވެ.
އިނގިރޭސިވިލާތް
އިނގިރޭސި ސަރުކާރަކީ އިސްރާއީލުގެ ލާއިންސާނީ ޖަރީމާތަކަށް ހުއްވަރުދޭ އަދި އިސްރާއިލުގެ ޝިކާރައަކަށް ވެފައިވާ ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް ތާއީދުކުރުމަށް ފަސްޖެހޭ ސަރުކާރެކެވެ. ނަމަވެސް އިސްރާއީލުގެ ހަގީގަތް އިނގިރޭސި ޕްރައިވެޓް މީޑީއާތަކުން މިހާރަކަށް އައިސް ގެންދަނީ ހާމަކުރަމުންނެވެ. އަދި އިނގިރޭސި ޔުނިވާސިޓީތަކާއި އިލްމީ މުއައްސަސާތަކަކީ އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއްމާރާ ދެކޮޅަށް އެކަޑެމިކް ފެންވަރުގައި އަޑުއުފުލަ ތަންތަނެވެ.

އިސްރާއީލުގެ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް ލަންޑަންގައި ކުރި މުޒާހަރާތަކުގައި އިސްރާއީލެކޭ އެއްގޮތަށް އިނގިރޭސި ސަރުކާރު ވެސް ކުށްވެރިކޮށް ފަލަސްތީނަށް ތާއީދުކޮށް އެތައް ހާސްބަޔަކު އަޑުއުފުލި އެވެ.
ޖަރުމަނު
ޖަރުމަނުގެ ރައްޔިތުންގެ ތެރެއިންވެސް އެތައް ހާސް ބަޔަކު ވަނީ އިސްރާއީލަށް ވާގިދޭ އެގައުމުގެ ސަރުކާރުގެ ސިޔާސަތުތައް ކުށްވެރިކޮށް ފަލަސްތީނަށް ތާއީދުކުރާކަން ހާމަކޮށް އެތަށް ސިޓީއެއްގައި މުޒާހަރާކޮށްފަ އެވެ. ޖަރުމަނުގެ ވެރިރަށް ބާލިންގައި ވެސް ތިން ސަރަހައްދެއްގައި އިސްރާއީލާ ދެކޮޅަށް މުޒާހަރާކޮށްފައިވެ އެވެ. މުޒާހަރާތަކުގެ ބައިވެރިން ވަނީ އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލައިފަ އެވެ.
ސްޕެއިން
ސްޕެއިންގައި އިސްރާއީލާ ދެކޮޅަށް މުޒާހަރާކުރި މީހުން ވަނީ އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުން ގެންދަނީ ނަސްލު ނައްތާލުމުގެ ޖަރީމާއެއްކަމަށް ސިފަކޮށްފަ އެވެ. ވެރިރަށް މެޑްރިޑްގެ ދެ ސަރަހައްދެއްގައި މުޒާހަރާކޮށްފައިވެ އެވެ.

ޕޮލެންޑް، ގްރީސް، ސްވިސްޓްޒަލޭންޑް، އަޔަލޭންޑް، ހޮލޭންޑް، އަދި ސްވިޑްން
މިގައުމުތަކުގައި ވެސް އެތައް ހާސް ބަޔަ ކުވަނީ އިސްރާއީލުން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ކުށްވެރިކޮށް މުޒާހަރާތައް ކުރިޔަށް ގެންގޮސްފަ އެވެ. މިގައުމުތަކުގައި މުޒާހަރާތައްކުރީ މައިގަނޑު ގޮތެއްގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކާއި އެގައުމުތަކުގައި ދިރިއުޅޭ އަރަބި އަދި އިސްލާމީ ގައުމުތަކުގެ ރައްޔިތުންނެވެ. ޔޫރަޕްގެ ގިނަ ގައުމުތަކުގައި އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް މުޒާހަރާތައް ކުރަމުން ގެންދާތާ ތިން ދުވަސްވެއްޖެ އެވެ.
އަރަބި އަދި އިސްލާމީ ގައުމުތައްް
އަރަބި ގައުމުތަކަށް ބަލާއިރު ގަތަރު، ލީބިޔާ، އިރާގު، އުރުދުން، ލުބްނާން، އަލްޖަޒާއިރު، ތޫނިސް، ސޫދާން، މަޣްރިބް ފަދަ އެތަށް ގައުމެއްގައި އިސްރާއީލުގެ އަނިޔާވެރިކަމާއި ސްޓޭތް ޓެރަރިޒަމްގެ އަމަލުތަކާ ދެކޮޅަށް މުޒާހަރާތައް ކުރި އެވެ. އިސްލާމީ ގިނަ ގައުމުތަކުގައި މުޒާހަރާތަކަށް ހުރަސްއެޅިފައި ވަނީ ކޮވިޑް ފެތުރޭތީ އެގައުމުތަކުގައި ހިންގާ ކާފިއުތަކުގެ ސަބަބުންނެވެ. މިއާއެކު ވެސް ބަންގްލަދޭޝް އާއި ޕާކިސްތާން، އީރާން، ތުރުކީ އަދި އަފްޣާނިސްތާނާއި އެފްރިކާގެ ބައެއް ގައުމުތަކުގައި ވެސް އިސްރާއީލާ ދެކޮޅަށް ވަނީ މުޒާހަރާތައްކޮށްފަ އެވެ.
(އަލްޖަޒީރާ)