އާ ސަރުކާރުގެ ވަޒީރުންގެ މަޖިލީހަށް އެކި ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ ޒުވާން ބޭފުޅުން އައްޔަން ކުރައްވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ކަމުގެ ފަތްކޮޅު ހަވާލު ކުރެއްވީ ހަތް ބޭފުޅަކަށެވެ.

ސިޔާސީ ފަސް ޕާޓީއެއްގެ އިސްވެރިން ބައިވެރިވަޑައިގެންނެވި ރަސްމިއްޔާތުގައި ބަންޑާރަ ނައިބު ކަމުގެ މަގާމަށް އައްޔަން ކުރެއްވީ ރައީސް މައުމޫންގެ ވެރިކަމުގައި ވެސް ބަންޑާރަ ނައިބުކަން ކުރެއްވެވި އައިޝަތު އާޒިމާ ޝުކޫރެވެ. ހެތްލު މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ ސީސީއެޗްޑީސީގެ ކުރީގެ ޑިރެކްޓާ ޖެނެރަލް އަދި އޭޑީކޭގެ ސީސީއޯގެ މަގާމުގައި މިހާތަނަށް ހުންނެވި ޑރ. އަހުމަދު ޖަމްޝީދެވެ. އިކޮނަމިކް ޑިވޮލޮޕްމަންޓް މިނިސްޓަރަކަށް އައްޔަން ކުރެއްވީ އެސްޓިއޯގެ ސީއީއޯގެ މަގާމް ވެސް ފުރުއްވެވި އަދި ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު ކަން ވެސް ކުރައްވަމުން ގެންދަވާ އަހުމަދު މުހައްމަދު (އައްޑޭ) އެވެ.

ޓޫރިޒަމް މިނިސްޓަރަކަށް އައްޔަން ކުރެއްވެވީ އަޙްމަދު އަދީބް ޢަބްދުލްޣަފޫރެވެ. އޭނާއަކީ ވިޔަފިވެރިންގެ ޖަމިއްޔާގެ ރައީސެވެ. ހިއުމަން ރިސޯސަސް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރަކަށް އައްޔަން ކުރެއްވީ ރައީސް މައުމޫންގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފު (މުންދު) އެވެ. އެޑިއުކޭޝަން މިނިސްޓަރަކަށް އައްޔަން ކުރެއްވީ ޑީއާރްޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ޑރ. އާސިމް އަހުމަދެވެ. ޓްރާސްޕޯޓް އެންޑް ކޮމިއުނިކޭޝަން މިނިސްޓަރަކަށް އައްޔަން ކުރެއްވީ ޖުމްހޫރީ ޕާޓީ ތަމްސީލު ކުރައްވާ ޑރ. އަހުމަދު ޝަމްހީދު އެވެ.

ޑރ. ވަހީދު، ރައީސް ކަމުގެ ފުރަތަމަ ދުވަހު ވަނީ ޑިފެންސް މިނިސްޓަރަކަށް މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އަދި ހޯމް މިނިސްޓަރަކަށް ޑރރ. މުހައްމަދު ޖަމީލް އަހުމަދު އައްޔަން ކުރައްވާފަ އެވެ.

އާ ސަރުކާރުގެ ކެބިނެޓަށް އައްޔަން ނުކުރަނީ ފިނޭންސް މިނިސްޓަރާއި އިސްލާމިކް މިނިސްޓަރާއި ފޮރިން މިނިސްޓަރާއި ފިޝަރީޒް މިނިސްޓަރުގެ އިތުރުން ހައުސިން މިނިސްޓަރެވެ.