14:30


ސަރުކާރާއި ދިފާއީ ބާރުތަކުން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެއްޖެ އެވެ.


މަޖިލީހުން ކަންތައްތައް ކުރަމުން ގެންދަނީ، ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކަމަށް، ކެބިނެޓާ ހަވާލާ ދެއްވައި، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި، ކެބިނެޓްގެ މެންބަރުން ވިދާޅުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އިމްތިޔާޒުގެ މައްސަލައާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި ގިނަ މެންބަރުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.


މި މައްސަލަ ހުށަހަޅުއްވަމުން މަހްލޫފު ވިދާޅުވީ، ސަރުކާރު ފެއިލްވުމާ ގުޅިގެން ސަރުކާރަށް ކެތްނުވެ ރައްޔިތުންނަށްވީ ވައުދުތައް ނުފުއްދުމާ ގުޅިގެން ދެންއޮތް މުއައްސަސާތަކުގެ ބޮލުގައި އެކަންތައްތައް އަޅުވައިފައި އިސްތިއުފާ ދިނުމަކީ ގަބޫލުކުރެއްވޭ ކަމެއް ނޫން ކަމަށެވެ. އަދި ގާނޫނު އަސާސީއާ ހިލާފް ކަންތައްތައް މަޖިލީހުން ކުރަމުންދާ ވާހަކަ ދައްކާއިރު، މަޖިލީހުގެ ހަމައެކަނި ޒިންމާއަކީ ގާނޫނު ހަދައި ގާނޫނު އަސާސީއަށް ބަދަލު ގެނައުން ނޫން ކަމަށާއި، އިސްލާމްދީނާއި ގާނޫނު އަސާސީއާ ހިލާފްނުވާ ގާނޫނުތަކަށް ފުށުނާރާ ގޮތަށް ކޮންމެ ކަމެއް ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ކަމަށް ވެސް މަހްލޫފު ވިދާޅުވި އެވެ. އެގޮތުން ރައްޔިތުންނާ ގުޅުން ހުރި ބޮޑެތި ކަންތައްތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމާއި، ސަރުކާރު ޒިންމާދާރު ކުރަން ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެގޯރިޓީ އިދިކޮޅު ފަރާތްތަކަށް ދިނީ ރައްޔިތުން ކަމަށާއި، އެ މެޖޯރިޓީ ނެގުމުގެ ބާރު އޮތީ ވެސް ރައްޔިތުންނަށް ކަމަށް މަހްލޫފު ވިދާޅުވި އެވެ.


ސަރުކާރުން އަންގައިގެން ހައްޔަރުކޮށް މިހާރު ގޭބަންދު ކުރައްވާފައި ހުންނެވި، ޕީއޭގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމު ވިދާޅުވީ، ކެބިނެޓާއި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ގައުމުގެ ސަލާމަތީ ބާރުތަކުން ވެސް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަނެފައިވާ ކަމަށެވެ. ނާޒިމް ފާހަގަކުރެއްވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ގާއިމްކުރަންޖެހޭ މާހައުލު ގާއިމް ކުރުމުގެ ބަދަލުގައި މަޖިލީހުގެ ޖަލްސާ ނުބޭއްވުމަށް ދިފާއީ ބާރުން އެންގުމާއި، މަޖިލީހުގެ ޖަލްސާތަކަށް މެންބަރުން ހާޒިރުކުރަންޖެހޭނެ ކަމަށް އޮތްއިރު މަޖިލީހުގެ ދެ މެންބަރަކު ޖަލްސާއަށް ހާޒިރުނުކުރައްވައި ހިފެހެއްޓުމަކީ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުން ކަމަށެވެ.


ސަރުކާރުގެ އަމުރަށް ހައްޔަރުކުރެއްވުމަށްފަހު ސުޕްރީމް ކޯޓުގެ އަމުރަށް އިއްޔެ ދޫކޮށްލި، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ، އެއްވެސް ފަރާތަކަށް މަޖިލީހުގެ އިމްތިޔާޒަށް އަރައިނުގަނެވޭނެ ކަމަށެވެ. ދެކެވެމުންދާ ކޮރަޕްޝަންގެ މައްސަލަތަކަށް އަލިއަޅުއްވާލައްވައި ގާސިމް ވިދާޅުވީ، ކޮރަޕްޝަންގެ ވާހަކަ ދައްކާއިރު، އިސްތިއުފާ ދެއްވި ވަޒީރުން ދައުލަތުގެ ކާރާއި މުދާ ބޭނުންކޮށްގެން އޮފީސްތަކަށް ވެދެވަޑައިގެން ކުރެއްވި ކަންތައްތަކަކީ ކޮރަޕްޝަންތޯ ސުވާލު އުފެދޭ ކަމަށެވެ. އަދި ސަރުކާރަށް ބޭނުންވާ ބިލްތައް ނިންމޭނީ މަޖިލީސް ކުރިއަށްގެންދިއުމަށް ފުރުސަތު ދެއްވައިގެން ކަމަށް ވިދާޅުވެ ގާސިމް ސަރުކާރަށް ފާޑުވިދާޅުވި އެވެ.


ޑީއާރުޕީގެ ލީޑަރު ކެންދޫ ދާއިރާގެ މެންބަރު އަހްމަދު ތަސްމީން އަލީ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަނެވޭ ފަދަ ގޮތަކަށް ސަރުކާރުން ވާހަކަ ދެއްކެވުމަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ.