16 May 2021, 09:35
ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ 30 އަހަރުގެ އަންހެނަކު ރޭ ފަތިހު ނިޔާވެއްޖެ އެވެ.
ހެލުތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން މިއަދު ބުނީ، މިއީ ރޭ 12ގެ ފަހުން މިއަދު މަރުވި ދެ ވަނަ މީހާ ކަމަށެވެ.
ފުރަތަމަ ރޭ 2:38ގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ނިޔާވީ އުމުރުން 81 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި ދެވަނަ އަށް ނިޔާވި، 30 އަހަރުގެ އަންހެން މީހާ ނިޔާވީ ފަތިހު 4:30ގައި ކަމަށެވެ.
މިއީ މިހާތަނަށް އެ ބަލީގައި ނިޔާވި، 96 ވަނަ މީހާ އެވެ. އަދި 30 އަހަރުގެ އަންހެން މީހާއަކީ ކޮވިޑްގައި މިހާތަނަށް ނިޔާވި އެންމެ އުމުރުން ހަގު މީހާ އެވެ.
އެ ދެ މީހުންނަކީ ވެސް ގްރޭޓާ މާލޭ ސަރަހައްދުގައި ދިރިއުޅުނު ދެ މީހުން ކަމަށް އެނގިފައިވެ އެވެ.
މިފަހަކަށް އައިސް ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު މިވަނީ ވަރަށް ބޮޑަށް އިތުރު ވެފަ އެވެ. އަދި ރާއްޖޭގައި ބަލީގެ ކޭސްތައް ފެންނަ މިންވަރު ވެސް މިވަނީ އެތައް ގުނައެއް އިތުރު ވެފަ އެވެ. ރާއްޖޭގައި ދުވާލެއްގެ މައްޗަށް 1،000 އަށް ވުރެ ގިނަ ކޭސް ފެންނަތާ މިހާރު ހަފްތާއެއްހާ ދުވަސްވެފައިވާއިރު އެކްޓިވް ކޭސްތަކުގެ އަދަދު ވެސް މިވަނީ 15،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ. އޭގެ ތެރެއިން 260 މީހުންނަށް ފަރުވާ ދެމުން ދަނީ އެޑްމިޓްކޮށްގެންނެވެ.