15 May 2021, 23:22
ކޮވިޑް-19 ފެތުރޭތީ، ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް ނޫނީ އެއް ރަށުން އަނެއް ރަށަށް ދަތުރު ނުކުރެވޭ ގޮތަށް އެޅި ފިޔަވަޅާއި އެހެނިހެން ބައެއް ފިޔަވަޅުތައް ދަމަހައްޓައިފި އެވެ.
މި މަހުގެ ތިން ވަނަ ދުވަހު ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން މުޅި ރާއްޖޭގައި ހާއްސަ ބައެއް ފިޔަވަޅުތަކެއް އަޅަން ވަނީ އަންގައިފަ އެވެ. އެ ފިޔަވަޅުތަކުގެ މުއްދަތު މާދަމާ ހަމަވާތީ މިއަދު އެ މުއްދަތު އިތުރު 14 ދުވަހަށް އިތުރު ކުރަން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަނީ ނިންމަވައިފަ އެވެ.
އިތުރު 14 ދުވަހަށް ދަމަހައްޓާ ފިޔަވަޅުތަކުގެ ތެރޭގައި، ހުއްދައާއެކު ޒަރޫރީ ބޭނުންތައްކަށް ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުމާއި، ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވައި ސިނާއީ މަސައްކަތްތައް ކުރާ ރަށްރަށަށް ދަތުރުކުރުމާއި، އެ ރަށްރަށުން މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުމަށް އަންގައި އެޅި ފިޔަވަޅު ހިމެނެ އެވެ.
މިހާރު ޒަރޫރީ ބޭނުންމަކަށް ވިޔަސް ރަށަކަށް ދާ ނަމަ 14 ދުވަހަށް ކަރަންޓީނުވާން ޖެހެ އެވެ. ކުރިން އެ މުއްދަތު އޮތީ 10 ދުވަހަށް ހަދާފަ އެވެ.
އޭގެ އިތުރުން، ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން ދަތުރުކުރުމަށް ދިން ލުއިތައް މެދުކަނޑާލަން ނިންމި ނިންމުންވެސް ވަނީ ދަމަހައްޓައިފަ އެވެ.
އެ ފިޔަވަޅުގެ އިތުރުން، މާލެ ސަރަޙައްދުގެ ޕާކުތަކާއި، މައިޒާންތަކާއި، ކުޅިވަރު ކުޅޭ ތަންތަނާއި، ދުވާ ޓްރެކުތަކާއި، ސްވިމިން ޓްރެކްތައް ބަންދުކުރުމާއި މާލެ ސަރަހައްދުގައި ކުޅިވަރު ކުޅުމާއި، ކުޅިވަރުގެ މުބާރާތްތައް ބޭއްވުން ހުއްޓައިލުމަށް އެންގި ފިޔަވަޅުވެސް ވަނީ ދަމަހައްޓައިފަ އެވެ.
އިންޑިއާއިން ދިވެހިރާއްޖެއަށް އަންނަ ދިވެހިންނާއި ވާރކްޕާމިޓް ހޯލްޑަރުން 14 ދުވަހުގެ މުއްދަތަށް ކަރަންޓީނު ފުރިހަމަކޮށް، ޕީސީއާރް ޓެސްޓް ހެދަން ޖެހޭ ފިޔަވަޅުވެސް ވަނީ ދަމަހައްޓައިފަ އެވެ.
މާލޭ ސަރަޙައްދުގައި ރޭގަނޑު 12:00އިން ފެށިގެން ފަތިހު 4:00އަށް އެއްގަމު އުޅަނދުފަހަރު ދުއްވުންވެސް ތިނެއް މެއިގެ އެންގުމުގައި މަނާ ކުރި އެވެ. ނަމަވެސް، މިހާރު މާލޭގައި ހަވީރު 4:00އިން ފެށިގެން ކާފިއު ހިންގަ އެވެ.
އެ ފިޔަވަޅުތައް ދަމަހައްޓާފައިވާއިރު، މުޅި ރާއްޖޭގައި ކޮވިޑް ދަނީ ބާރަށް ފެތުރެމުންނެވެ. އެގޮތުން ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ދުވާލަކު ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ 1000އިން މައްޗަށް ގޮސްފަ އެވެ. މިހާރު ބަލި ޖެހިފައި ތިބި މީހުންގެ އަދަދު 16،000އިން މައްޗެވެ.