ކޮވިޑް-19އިން ރައްކާތެރިވުމަށް ހއ. ދިއްދުއާއި، ފ. ފީއަލީގައި ކާފިއު ހިންގަން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވައިފި އެވެ.

އެޗްޕީއޭއިން މިރޭ ބުނީ، އެ ދެ ރަށުގައި ކާރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 އަށް ކާފިއު ހިންގަން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވާ ބާރުގެ ދަށުން އަންގާފައިވާ ކަމަށެވެ.

އެ ދެ ރަށުގައިވެސް ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުމަށާއި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލަން ވަނީ އަންގައިފަ އެވެ.

އިތުރު ފިޔަވަޅުތައް

  • ސައިހޮޓާ، ކެފޭ އަދި ރެސްޓޯރެންޓްތަކުގެ އެތެރޭގައި ދޭ ހިދުމަތްތައް ދިނުން ހުއްޓާލައި، ޓޭކްއަވޭ އަދި ޑެލިވަރީ ހިދުމަތްތައް ފޯރުކޮށްދިނުން.

  • ސެލޫންތަކާއި، ޖިމް އަދި ބޯކޮށާ ތަންތަން ބަންދު ކުރުން.
  • އެއްފަހަރާ ތިން މިހުންނަށް ވުރެ ގިނައިން މަގުމައްޗާއި އާންމު ތަންތަނަށް އެއް ނުވުން.
  • ހުރިހާ ކުޅިވަރު ހަރަކާތެއް އަދި ކަސްރަތު ހަރަކާތްތައްވެސް ހުއްޓާލުން.
  • ޓެކްސީ ހިދުމަތްތަކާއި ފިހާރަފަދަ ތަންތަނުގައިވެސް އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ހިދުމަތް ދިނުން.
  • ޔުނިވާސިޓީ އަދި ކޮލެޖްތައް އޮންލައިންކޮށް ކިޔެވުން ކުރިޔަށް ގެންދިޔުން.

ރާއްޖޭގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވެފައިވާއިރު ބަލި ބޮޑަށް ފެތުރެމުންދާ ރަށްރަށުގައި ފިޔަވަޅުތައް ދަނީ ހަރުކަށި ކުރަމުންނެވެ.

މިއަދު އެކަނި ރާއްޖެއިން 821 މީހުން ކޮވިޑްއަށް ޕޮޒިޓިވްވެފައިވެ އެވެ. އެއީ މާލެއިން 793 މީހުންނާއި އަތޮޅު ތެރޭގެ ރަށްރަށުން 183 މީހަކާއި ރިޒޯޓުތަކުން 26 މީގެކެވެ.