ގުދުސް (މެއި 15): ޣައްޒާގައި ބައިނަލްއަގުވާމީ މީޑިއާތަކުގެ އޮފީސްތަކެއް ހުރި އިމާރާތަކަށް އިސްރާއީލުން ވައިގެ ހަމަލާއެއްދީ ސުންނާފަތިކޮށްލައިފި އެވެ.

އިސްރާއީލުގެ ހަމަލާ އަމާޒުވި 11 ބުރީގެ އަލް ޖަލާ އިމާރާތުގައި އަލް ޖަޒީރާ އާއި އެސޯސިއޭޓެޑް ޕްރެސް (އޭޕީ)ގެ އޮފީސްތަކުގެ އިތުރުން މީހުން ދިރިއުޅޭ އެޕާޓްމެންޓުތައް ވެސް ހުރި ކަމަށް އެ ނޫސްތަކުން ރިޕޯޓު ކުރި އެވެ. އަދި އިސްރާއީލްގެ ބޮމުގެ ހަމަލާއަށް ފަހު އެ އިމާރާތުން ދުން އަރާ، ވެއްޓޭ މަންޒަރު އަލް ޖަޒީރާއިން ވަނީ ލައިވްކޮށް ދައްކާފަ އެވެ.

ޣައްޒާއިން ރިޕޯޓު ކުރި އަލް ޖަޒީރާގެ މުވައްޒަފެއް ކަމަށްވާ ސަފްވަތު އަލް ކަހުލޫތު ބުނި ގޮތުގައި އިސްރާއީލުން އަލް ޖަލާ އިމާރާތަށް ހަމަލާ ދިނީ އެފަދަ ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު ދިންތާ ގާތްގަނޑަކަށް އެއް ގަޑި އިރު ފަހުންނެވެ. އަދި އެ އިންޒާރު ދިން ވަގުތު އޭނާ ހުރީ އެ އިމާރާތުގައި ކަމަށާއި އެއާ އެކު އެންމެންވެސް އޮފީހުން ސަލާމަތް ކުރެވެން ހުރި ހުރިހާ އެއްޗެއް ނަގަން ފެށި ކަމަށް ކަހުލޫތު ބުންޏެވެ.

ކަހުލޫތު ބުނި ގޮތުގައި އޭނާ އެ އިމާރާތުގައި މަސައްކަތް ކުރާތާ 11 އަހަރު ވެދާނެ އެވެ.

އިސްރާއިލުން ބުނި ގޮތުގައި އެގައުމުގެ އަސްކަރިއްޔާއިން ހަމަލާ ދިނީ ހަމާސްއިން ބޭނުން ކުރާ އިމާރާތަކަށެވެ. އަދި އެ އިމާރާތުގައި މީޑިއާ އޮފީސްތަކެއް ވެސް ހުރި ކަމަށާއި ހަމާސްއިން އެ އޮފިސްތަކުގައި ތިބޭ މީހުން "އައްޑަނަ"އިގެ ގޮތުގައި ބޭނުން ކުރާ ކަމަށް ބުނެފަ އެވެ.

އަލް ޖަޒީރާއިން ވަނީ އެ ހަމަލާ ކުށްވެރިކޮށް އެއީ ޣައްޒާގައި ހިނގާ ކަންތައްތައް ރިޕޯޓު ކުރުން ހުއްޓުވުމަށް ދިން ހަމަލާއެއް ކަމަށް ބުނެފަ އެވެ. އަދި އޭޕީން ވަނީ އެ ހަމަލާގެ ސަބަބުން އެ އޭޖެންސީގެ ބަޔަކު މަރު ނުވީ ކިރިޔާ ކަމަށް ބުނެފަ އެވެ. އަދި ޣައްޒާގައި ހިނގާ ކަންތައްތައް މީހުންނަށް އަންގާ ދެވޭ މިންވަރު އެ ހަމަލާގެ ސަބަބުން މަދުވެގެން ދާނެ ކަމަށް އޭޕީގެ ރައީސް އަދި ސީއީއޯ ގެރީ ޕްރުއިޓް ވިދާޅުވި އެވެ.

އިސްރާއީލުން މިދިޔަ ހޯމަ ދުވަހުން ފެށިގެން ޣައްޒާއަށް ދެމުންދާ ވައިގެ ހަމަލާތަކުގައި މިހާތަަނަށް ފަލަސްތީނުގެ 140 މީހަކު މަރުވެފައިވެ އެވެ. އޭގެ ތެރޭގައި 39 ކުޑަކުދިންނާއި 22 އަންހެނުން ހިމެނެ އެވެ. އަދި އިސްރާއީލުން ވަނީ ހަމާސްއިން އެގައުމަށް ދޭ ހަމަލާތަކުގައި ނުވަ މީހަކު މަރުވެފައިވާ ކަމަށް ބުނެފަ އެވެ.