15 May 2021, 20:34
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އިންޓެލިޖެންސް ހޯދާ އިދާރާތަކުގެ އޮޑިޓެއް ހަދަން ފަށައިފި އެވެ.
މި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ސައިކަލެއްގައި ހަރުކޮށްފައި އޮތް އައިއީޑީއެއް ގޮއްވާލައި ހަމަލާއެއް ދީފައިވާ އިރު، އެމަނިކުފާނަށް ބޮޑެތި ޒަހަމްތަކެއް ލިބުނެވެ.
އެ ހަމަލާއަށް ފަހު، ސިފައިންނާއި ފުލުހުންގެ އިންޓެލިޖެންސަށް އެ މައުލޫމާތު ނުލިބުނީ ކީއްވެގެންތޯ އެތައް ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. އަދި އިންޓެލް ފެއިލް ވީތޯ ވެސް ގިނަ ބަޔަކު ސުވާލު ކުރި ނަމަވެސް އެ ސުވާލަށް އެންމެ އެކަށީގެންވާ ޖަވާބެއް ފުލުހުންނަށްވެސް ސިފައިންނަށްވެސް ދެވިފައެއް ނުވެ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާބު މަބްރޫކު އަޒީޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންޓެލިޖެންސް ހޯދާ ފަރާތްތަކުގެ އޮޑިޓެއް ހަދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސް އޮފީހާއި އޭޖީ އޮފީސް ގުޅިގެން އެކުލަވާލާފައިވާ ކޮމިޓީއަކަށް އިރުޝާދު ދެއްވާފައިވާ ކަމަށެވެ.
އެ ކޮމިޓީގެ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށާއި، ހޯދުންތައް ރައީސްއާ ހިއްސާ ކުރާނެ ކަމަށް މަބްރޫކު ވިދާޅުވި އެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އިންޓެލިޖެންސްގެ އޮޑިޓެއް ހައްދަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިން ވިދާޅުވެފައިވެ އެވެ.
ރައީސް ނަޝީދަށް ދިން ހަމަލާގެ މައުލޫމާތު ކުރީބައިގައި ލިބިފައިވާ ކަމަށްވެސް ވަނީ ތުހުމަތު ކުރެވިފަ އެވެ. މަޖިލީހުގެ ހުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިލްޔާސް ލަބީބު އިއްޔެ ނެރުއްވި ބަޔާނެއްގައި ރައީސް ނަޝީދަށް ހަމަލާއެއް ދިނުމަށް ރާވާކަމުގެ މައުލޫމާތު އާންމުންގެ މީހެއްގެ ފަރާތުން ލިބިގެން އެކަން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާ ހިއްސާކުރެއްވި ކަމަށް ވިދާޅުވެފަ އެވެ.
އެ މައުލޫމާތު އެނގި ހުރެ، ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅުތަކެއް ނާޅައި ހުއްޓާ ހަމަލާ ދިނުމުން ބައެއް އާންމުން ދަނީ މިނިސްޓަރު މާރިޔާގެ އިސްތިއުފާއަށް ގޮވަމުންނެވެ.
ހަމަލާގައި ލިބުނު ޒަހަމްތަކާ ހެދި އޭޑީކޭ ހޮސްޕިޓަލުގައި 16 ގަޑިއިރު ވަންދެން ރައީސް ނަޝީދުގެ ހަށިކޮޅު އޮޕަރޭޝަން ކުރަން ޖެހުނެވެ. މިހާރު އެމަނިކުފާނަށް ފަރުވާދެމުން ގެންދަނީ ޖަރުނުވިލާތުގެ ހޮސްޕިޓަލެއްގަ އެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މާލެއިން ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ. އެ ތިން މީހުންނަކީވެސް ދީނީ ހަރުކަށި ފިކުރާ ގުޅޭ މީހުންނެވެ.