15 May 2021, 15:27
މި މަހު 29ގައި ބާއްވަން ތާވަލްކޮށްފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބު ފަސްކޮށްފި އެވެ.
އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު އެތާރީހުގައި ނުބާއްވައި ފަސްކުރަން ނިންމާފައިވަނީ، ޕާޓީގެ ރައީސް، މުހަންމަދު ނަޝީދަށް އަމާޒުކޮށް މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާގެ ސަބަބުން ލިބުނު އަނިޔާތަކަށް އެމަނިކުފާނަށް ފަރުވާދެމުން ގެންދާ މިވަގުތުގައި އިންތިހާބު ބޭއްވުމުގެ މަސައްކަތައިގެން ކުރިއަށް ގޮސް އެ އިންތިހާބު ބޭއްވުމަކީ ރަނގަޅު ކަމެއް ކަމުގައި ނުފެންނާތީ އެވެ.
އެމްޑީޕީން ބުނީ ދާއިރާތަކުގެ އިންތިހާބު ބާއްވާނެ ތާރީހެއް ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ކަނޑައެޅުމަށްފަހު އިއުލާނު ކުރާނެ ކަމަށެވެ.
އިންތިޚާބު ފަސްކުރި ނަމަވެސް، އިންތިހާބާ ގުޅޭގޮތުން ޕާޓީން މިވުގަތަށް ކުރަންޖެހޭ އިދާރީ މަސައްކަތް ކުރަމުން ގެންދާނެ ކަމަށް އެމްޑީޕީން ބުންޏެވެ.
އިންތިހާބު ފަސްކުރީ، އެކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުށަހެޅުއްވުމުންނެވެ. އެމްޑީޕީގެ 174 ވަނަ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ޕާޓީގެ އެތެރޭގެ އިންތިހާބުތަކަކީ ޕާޓީގެ އެތެރޭގައި ވަރަށް ބޮޑު ވާދަވެރިކަމެއް އުފެދޭ އިންތިހާބުތަކެއް ކަމަށް ވާއިރު، ރައީސް ނަޝީދަށް ދިން ހަމަލާއަށް ފަހު މިއީ އެމްޑީޕީ އެއްބައިވަންތަ އެކަތިގަނޑެއްގެ ގޮތުގައި އޮންނަންވީ ވަގުތު ކަމަށެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބު ފަސްކުރި އިރު، ވާދަކުރާ ފަރާތްތަކުން ގެންދަނީ ކެމްޕޭން ވެސް ކުރަމުންނެވެ. އަދި ރައީސް ނަޝީދު ވަނީ އޭގެ ތެރެއިން ބައެއް ކެންޑިޑޭޓުން އެންޑޯޒްވެސް ކުރައްވައިފަ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމާފައި ވަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި މަރުތަކުގެ މައްސަލަތަކުގައި ތުހުމަތުވާ އެއްވެސް ފަރާތަކަށް އެ ޕާޓީގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުދޭށެވެ.
ރައީސް ނަޝީދަށް ދިން ހަމަލާގައި ފުރާއަށް ނުރައްކާވާ ފަދަ ބޮޑެތި ޒަހަމްތަކެއް އެމަނިކުފާނަށް ވަނީ ލިބިފަ އެވެ. އޭޑީކޭގައި ފަރުވާ ހޯއްދެވުމަށްފަހު އިތުރު ފަރުވާއަށް އެމަނިކުފާނު މިހާރު ވީ ޖަރުމަނުގަ އެވެ.