12 Feb 2012, 09:37
މިދިއަ ބުދަދުވަހާއި އެރޭ މާލެ އާއި ރާއްޖޭގެ އެހެން ރަށްރަށުގައި ހިންގި ހަމަނުޖެހުންތަކުގައި ގެއްލުންދިން ކޯޓްތަކުގެ ތެރެއިން އެންމެ ކޯޓެއް ފިޔަވައި ހުރިހާ ކޯޓެއްގެ ހިދުމަތް މިއަދު ފަށާނެ އެވެ.
ހިދުމަތް ނުފަށާ މިވަގުތު އޮތީ ޅ. ހިންނަވަރު މެޖިސްޓްރޭޓް ކޯޓެވެ. ޖުޑިޝަރީގެ މީޑއާ އެންޑް ޕަބްލިކޭޝަން ޔުނިޓްގެ އޮފިޝަލަކު ވިދާޅުވީ ޅ. ހިންނަވަރު މެޖިސްޓްރޭޓް ކޯޓުގައި ވެސް މާދަމާ އިން ފެށިގެން ހިދުމަތައް ދިނުމަށް ފުލުހުން މެދުވެރިކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އޮފިޝަލު ވިދާޅުވީ އައްޑޫ ސިޓީގައި ދެ ކޯޓު ފިޔަވާ އެހެން ހުރިހާ ކޯޓެއް އަނދާ ހުލިވެފައިވާތީ، އައްޑޫ ސިޓީގެ ހަތަރު ރަށުގެ ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި ވަގުތީ ގޮތުން މިއަދު ފެށިގެން ސ. މަރަދޫ ފޭދޫ މެޖިސްޓްރޭޓް ކޯޓުގައި މަސައްކަތް ކުރާނެ ކަމަށެވެ.
ހަމަނުޖެހުންތަކަށްފަހު ހުޅުމީދޫގައި ޝަރްޢީދާއިރާގެ ޚިދުމަތްތައް ވަގުތީގޮތުން ދެމުން އައީ މީދޫ މެޖިސްޓްރޭޓް ކޯޓުގައެވެ. ހުޅުދޫ މެޖިސްޓްރޭޓް ކޯޓު ވެސް ވަނީ ދެ ފަހަރެއްގެ މަތިން ރޯކޮށް އަންދާލާފަ އެވެ. މީދޫގެ ރައްޔިތުން ނިކުމެ ސ. މީދޫ މެޖިސްޓްރޭޓް ކޯޓު ހިމާޔަތްކޮށްފައިވާތީ، އެކޯޓުގައި ސ. ހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ. ގދ. ތިނަދޫގައި ވެސް ކޯޓް އަންދާލާފައިވާތީ ޢިމާރާތެއް ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.