ލަންކާގެ ކަރަންޓީނު އުސޫލަށް އެ ގައުމުގެ ސަރުކާރުން ބަދަލުގެނެސްފައިވާތީ އެ ގައުމަށް ދަތުރު ކުރާ ދިވެހިން ސަމާލުވުމަށް ފޮރިން މިނިސްޓްރީއިން އެދެފި އެވެ.

ލަންކާގައި ވެސް މި ދުވަސްވަރު ކޮވިޑް-19 ފެތުރެމުންދާތީ އެ ގައުމުގެ ސަރުކާރުން މިހާރު ނިންމާފައި ވަނީ އެގައުމަށް ދަތުރު ކުރާ ހުރިހާ އެންމެން 14 ދުވަހަށް ކަރަންޓީނު ކުރާށެވެ. އޭގެ ތެރޭގައި ވެކްސިން ދެ ޑޯޒް ހަމަކޮށްފައި ތިބި މީހުން ވެސް ހިމެނެ އެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކަރަންޓީނު ވާން ޖެހޭނީ އެ ގައުމުގެ ސަރުކާރުން ކަނޑައަޅާފައިވާ ކަރަންޓީނު ހޮޓަލެއް، ކަރަންޓީނު ސެންޓަރެއް ނުވަތަ ރައްކާތެރިކަމަށް ކަނޑައަޅާފައިވާ ލެވެލް އެކެއްގެ ހޮޓަލެއްގައި ކަމަށެވެ.

އެހެންނަމަވެސް، ރާއްޖެއިން ލަންކާއަށްދާ މީހުންގެ ތެރެއިން ކްރިޓިކަލް ފަރުވާއަށް ބަލި މީހުން ގޮވައިގެންދާ މީހުންނަށް ލަންކާ ހެލްތު މިނިސްޓްރީ އާއި މަޑުކުރާ ހޮސްޕިޓަލުގެ ހުއްދައާ އެކު އެ ހޮސްޕިޓަލެއްގައި ވެސް 14 ދުވަހު ކަރަންޓީނު ވެވޭނެ ކަަމަށް ފޮރިން މިނިސްޓްރީއިން ބުންޏެވެ.

ލަންކާއަށް ދަތުރު ކުރާ ފަރާތްތައް 14 ދުވަސް ފުރިހަމަ ކުރުމަށް ފަހު ދޫކުރެވޭނީ، އެ ގައުމަށް ދާ ދުވަހު ހަދާ ޕީސީއާރް ޓެސްޓާއި، ކަރަންޓީނުގެ 11 ވަނަ ދުވަހާއި 14 ވަނަ ދުވަހު ހަދާ ޕީސީއާރް ޓެސްޓު ނެގަޓިވްވުމުން ކަމަށް މިނިސްޓްރީއިން ބުންޏެވެ. ޓެސްޓުން އިސްތިސްނާވާނީ ހަމައެކަނި ދެ އަހަރުން ދަށުގެ ކުދިންނެވެ.

އެ ފިޔަވަޅުތަކަށް ލަންކާއަށްދާ ދިވެހީން ސަމާލުވުމަށާއި، އެ ފިޔަވަޅުތައް ބަދަލުވެދާނެތީ ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށް ވެސް މިނިސްޓްރީއިން އެދިފައިވެ އެވެ.