14 May 2021, 19:25
މޫސުން ގޯސްވުމުގެ ސަބަބުން އަތޮޅުތެރޭގައި ދުއްވާ އެމްޓީސީސީގެ ފެރީތަކުގެ ޝެޑިއުލަށް ބަދަލު އައުން އެކަށީގެންވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މިއަދު އެމްޓީސީސީ އިން ބުނީ، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނޭ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފައި ވާތީ އަތޮޅުތެރޭގައި އެމްޓީސީސީން ދުއްވާ ބައެއް ފެރީތަކުގެ ޝެޑިއުލަށް ބަދަލުއައުން އެކަށީގެންވާ ކަމަށެވެ.
އެހެންކަމުން، އެ ފެރީތައް މެދުވެރިކޮށް އެއް ރަށުން އަނެއް ރަށަށް މުދާ ގެންދަން ބޭނުންވާ ފަރާތްތަކުން ދުރާލައި ޝެޑިއުލަށް އަންނަ ބަދަލުތައް ރަށު ކައުންސިލުތަކުން ދެނެގަތުމަށް އެމްޓީސީސީ އިން އެދުނެވެ.
"ވީމާ އެއް ރަށުން އަނެއް ރަށަށް މުދާ ގެންދިއުމަށް ބޭނުންފުޅުވާ ފަރާތްތަކުން ދުރާލާ އެމްޓީސީސީގެ މުދާ ފެރީ ޝެޑިއުލަށް އަންނަ ބަދަލުތައް އެރަށެއްގެ ރަށު ކައުންސިލް މެދުވެރިކޮށް ސާފުކުރެއްވުމަށްވެސް ދަންނަވަމެވެ،"
މުޅި ރާއްޖެއަށް ވިއްސާރަ ކުރަމުންދާއިރު، މެޓްއިން ވަނީ މ. އަތޮޅުން ފެށިގެން ދެކުނަށް ވައިޓް އެލާޓު ނެރެފަ އެވެ. އަދި ކ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް އޮތީ ޔެލޯ އެލާޓު ނެރެފަ އެވެ.
މޫސުން އެންމެ ގޯސް އުތުރުގައި މިއަދުގެ ބޮޑު ބައެއްގައި އޮތީ އޮރެންޖު އެލާޓު ނެރެފަ އެވެ. އެއީ، ޅ. އަތޮޅުން ފެށިގެން ހއ. އަތޮޅާ ހަމައަށެވެ. އެ ސަރަހައްދުގައި ގަޑިއަކު 34 މޭލާއި، 40 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެ ސަރަހައްދުގެ ރަށްތަކަށް ދަނީ އުދަވެސް އަރަމުންނެވެ.