14 May 2021, 17:01
ވޮޝިންޓަން (މެއި 14): އެމެރިކާގައި ކޮވިޑް-19 ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުންނަށް ގިނަ ތަންތަނުގައި މާސްކު ނާޅާ އުޅުމުގެ ހުއްދަ އެގައުމުގެ ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)އިން ދީފި އެވެ.
ސީޑީސީން އިއްޔެ އާއްމު ކުރި ގަވާއިދުތަކުގައި ވަނީ އެމެރިކާގައި މިހާރު ދޭ ކޮވިޑް ވެކްސިންތަކުގެ ކާމިޔާބީއަށް ބަލައި، ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށްފައިވާ މީހުން ގެއިން ބޭރުގައި އުޅޭ އިރު ކޮންމެހެން މާސްކު އަޅަން ނުޖެހޭ ކަމަށެވެ.
"ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުންނަށް ގައިދުރު ކުރުމާ މެދު ކަންބޮޑުވުމެއް ނެތި އިންޑޯ އަދި އައުޓްޑޯ ހަރަކާތްތަކުގައި ބައިވެރިވެވޭނެ،" ސީޑީސީ ޑިރެކްޓަރު ރޮޝެލް ވަލެންސްކީ ވިދާޅުވި އެވެ.
އެ ގަވާއިދާ އެކުވެސް، ސީޑީސީން ވަނީ ސިއްހީ ފަރުވާ ދޭ ތަންތަނާއި އެއާޕޯޓުތަކާއި ޖަލުތައް ފަދަ ތަންތަނުގައި މާސްކު އަޅައިގެން ތިބުމަށް އެދިފަ އެވެ. އަދި ފެޑެރަލް، ސްޓޭޓް ނުވަތަ ލޯކަލް ގަވާއިދުތަކުގައި މާސްކު އަޅަން އަންގާފައިވާ ތަންތަނުގައިވެސް މާސްކު އެޅުމަށް އަންގާފަ އެވެ. އޭގެ ތެރޭގައި ވިޔަފާރި ކުރާ ތަންތަނުންނާއި އޮފިސް ފަދަ މާހައުލުުގައި ހަދާފައިވާ ގަވާއިދުތަކަށް އަމަލު ކުރުން ހިމެނެ އެވެ.
މީގެ އިތުރުން ވެކްސިން ނުޖަހާ މީހުންނާއި ދެ ޑޯޒް ޖަހަން ޖެހޭ ވެކްސިނެއްގެ އެންމެ ޑޯޒެއް ޖަހާފައިވާ މީހުންނާއި ދެވަނަ ޑޯޒަށް ފަހު ދެ ހަފްތާ ވެފައި ނުވާ މީހުން ގެއިން ބޭރުގައި މާސްކު އަޅަން ޖެހޭކަން ސީޑީސީން ފާހަގަ ކުރި އެވެ.
އެމެރިކާއިން އެ ގަވާއިދުތައް އިއުލާން ކުރީ އެގައުމުގައި ކޮވިޑްގެ ކޭސްތައް މަދުވަމުންދާ ދަނޑިވަޅެއްގަ އެވެ. އެގޮތުން މިދިޔަ ޖެނުއަރީ މަހު އެގައުމުގެ ކޭސްތައް ޕީކްއަށް އެރި އިރު ދުވާލަކު ދެ ލައްކަ ކޭސް ފެނިފައިވެ އެވެ. ނަމަވެސް މި މަސް ފެށުނު ފަހުން އެގައުމުން ކޮންމެ ދުވަހަކު އަލަށް ފެންނަ ކޭސްތަކުގެ އަދަދު 50،000އަށް ވުރެ މަތިވެފައި ނުވެ އެވެ.
އެމެރިކާއިން ވަނީ މިހާރު އެގައުމުގެ އާބާދީގެ 47 ޕަސެންޓަށް ކޮވިޑް ވެކްސިން ޖަހާފަ އެވެ. އޭގެ ތެރެއިން 36 ޕަސެންޓު މީހުން ވަނީ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށްފަ އެވެ. އަދި މިދިޔަ ބުދަ ދުވަހު އެގައުމުން ވަނީ 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިން ދޭން ހުއްދަ ދީފަ އެވެ.
އެމެރިކާއިން މިހާތަނަށް 32.9 މިލިއަނަށް ވުރެ ގިނަ ކޮވިޑް ކޭސް ފެނިފައިވާ އިރު އެގައުމުން ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 584،000 ހުރަސްކޮށްފަ އެވެ.