ގުދުސް (މެއި 14): ހުޅަނގު އައްސޭރީގައި ތިބި އިސްރާއީލްގެ ވަޒަންވެރިން ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ ގެތަކަށް ހަމަލާ ދޭ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާއްމުވެއްޖެ އެވެ.

ފަލަސްތީނުގެ ނިއު ޕްރެސްއިން ޓުވިޓާ މެދުވެރިކޮށް ހިއްސާ ކުރި ވީޑިއޯއަކުން ފެނިގެން ދަނީ ހުޅަނގު އައްސޭރީގެ ހަބްރޫންގައި މިއަދު އިސްރާއީލްގެ ވަޒަންވެރިންތަކެއް ފަލަސްތީނުގެ ގެތަކަށް ހަމަލާ ދޭ މަންޒަރު ކަމަށް އެ އޭޖެންސީން ބުންޏެވެ. އެގޮތުން ގިނަ އަދަދެއްގެ ބަޔަކު އެއްވެ، އެ ގެތަކާ ދިމާލަށް ގާ އުކާ މަންޒަރު ވީޑިއޯއިން ފެނިގެންދެ އެވެ.

ހުޅަނގު އައްސޭރީގައި ތިބޭ އިސްރާއީލްގެ ވަޒަންވެރިން ފަލަސްތީނުގެ ރައްޔިތުންނަށް ދޭ ހަމަލާތައް މިއަހަރު އިތުރުވެފައިވާ ކަމަށް މިދިޔަ މަހު އދ.އިން ވަނީ ބުނެފަ އެވެ. އެގޮތުން މިދިޔަ އަހަރު އެފަދަ 771 ހަމަލާ ރެކޯޑު ކުރެވިފައިވާ އިރު މި އަހަރުގެ ފުރަތަމަ ތިން މަސް ތެރޭ އެފަދަ 200 އަށް ވުރެ ގިނަ ހަމަލާ ދީފައިވާ ކަމަށް އދ.ގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ މާހިރުން ވިދާޅުވި އެވެ. އަދި އެ ހަމަލާތަކުގައި ފަލަސްތީނުގެ މީހަކު މަރުވެފައިވާކަންވެސް އދ.އިން ހާމަ ކުރި އެވެ.

އދ.ގެ މާހިރުން ވިދާޅުވި ގޮތުގައި އެ ހަމަލާތައް ދެނީ ފަލަސްތީނުގެ ރައްޔިތުން ބިރުގަންނަވާ، އެމީހުން ގެތަކުން ބޭރު ކުރުމަށެވެ.

އިސްރާއީލުން ޔަހޫދީން ވަޒަންވެރި ކުރުމަށްޓަކައި އިރުމަތީ ގުދުސްގެ ޝައިހް ޖައްރާހުން ފަލަސްތީނުގެ އާއިލާތައް ނެރެން މަސައްކަތް ކުރާތީ އާއި މިދިޔަ ހުކުރު ދުވަހު އެގައުމުގެ ސިފައިން އަލް އަގްސާ މިސްކިތަށް ވަދެ، ހަމަލާ ދިން ފަހުން ފަލަސްތީނުގެ ގިނަ އަަދަދެއްގެ ރައްޔިތުން ދަނީ އެކި ސަރަހައްދުތަކުގައި މުޒާހަރާ ކުރަމުންނެވެ. އަދި ޣައްޒާ ކޮންޓްރޯލް ކުރާ ހަމާސްއިން އިސްރާއީލަށް އަމާޒުކޮށް ވައިގެ ހަމަލާތައް ދީފައިވާ އިރު، އިސްރާއީލުން ވަނީ ޣައްޒާއަށް ދޭ ހަމަލާތައް ދުވަހުން ދުވަހަށް ވަރުގަދަކޮށްފަ އެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އިސްރާއީލުން މިދިޔަ ހޯމަ ދުވަހުން ފެށިގެން ދެމުންދާ ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 115 މީހަކު މަރުވެފައިވާ އިރު އޭގެ ތެރޭގައި 31 ކުޑަކުދިން ހިމެނެ އެވެ. އަދި އެހަމަލާތަކުގައި 500އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެ އެވެ.

އިސްރާއީލުން ބުނި ގޮތުގައި ހަމާސްގެ ހަމަލާތަކުގައި އެގައުމުން ހަތް މީހަކު މަރުވެފައިވާ އިރު އޭގެ ތެރޭގައި އިންޑިއާގެ މީހަކުވެސް ހިމެނެ އެވެ.