12 Feb 2012, 09:00
އިންޑިޔާގައި ފުރަތަމަ ފަހަރަށް ބާއްވާ މިކްސްޑް މާސަލް ފައިޓިންގް ލީގް (ކަރާޓޭ މުބާރާތް) ހުޅުވުމުގެ ރަސްމިއްޔާތުގައި ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖެނީޕާ ލޮޕޭޒްގެ ހުށަހަޅެންތަކެއް ދައްކާލާގޮތަށް ހަމަޖައްސައިފި އެވެ.
މި މުބާރާތަކީ ބޮލީ ވުޑްގެ މަޝްހޫރު ފިލްމީ ތަރި ސިލްޕާ ޝެޓީގެ ފިރިމީހާ އަދި މުމްބާއީގެ މަޝްހޫރު ވިޔަފާރިވެރިޔާ ރާޖް ކުންދްރާ އާއި ބޮލީވުޑްގެ ތަރި ސަންޖޭދަތު ގުޅިގެން ބާއްވާ މުބާރާތެކެވެ.
އަންނަ މަހުގެ 11 ވަނަ ދުވަހު މުބާއީގައި ފަށާ މުބާރާތަށް ޖޭލޯ އިންޑިއާއަށް ދިއުމަށް ހަމަޖެހިފައިވަނީ މާޗް މަހުގެ ހަ ވަނަ ދުވަހު އެވެ. މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ޖޭލޯގެ ނެށުންތަކުގެ އިތުރުން އޭނާގެ އެންމެ ފަހުގެ މިއުޒިކް އަލްބަމް ކަމުގައިވާ "ލަވް" ގެ ބައެއް ލަވަތައް ވެސް ހުށަހަޅައިދޭ ގޮތަށް ވަނީ ހަމަޖެހިފައިވެ އެވެ.
ޖެނީފާ ލޮޕޭޒް މުމްބާއީގައި މަޑުކުރާނީ އެންމެ ދުވަހަކު ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މުމްބާއީ، އަންދޭރީ ނަގަރްގެ ސްޕޯޓްސް ކޮންޕްލެކްސްގައި ބާއްވާ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތަށް ޖޭލޯ ގެންދާ ގޮތަށް ރާޖްކުންދްރާ ހަމަޖެއްސީ މުބާރާތް ވީހާވެސް ކުލަގަދަ ގޮތެއްގައި ބާއްވާށެވެ.
އިންޑިޔާގައި ތަފާތު ޝޯތައް ދިނުމަށް ހޮލީވުޑް ސްޓާރުން މިދުވަސްވަރު ވަރަށް ބޮޑު ޝައުގުވެރިކަމެއް ފާޅުކުރެ އެވެ. އެގޮތުން ހޮލީވުޑްގެ ޕޮޕް ލަވަކިޔުންތެރިޔާ ލޭޑީގާގާ އާއި ޕިޓްބުލް، އޭކަން، އަދި އޯޕްރާ ވިންފްރީފަދަ މަޝްހޫރު އެތައް ތަރިންނެއް ވަނީ އިންޑިޔާއަށް ޒިޔާރަތްކޮށްފަ އެވެ.