ކޮވިޑް19 އަށް ފަރުވާ ހޯދަމުން ދިޔަ ދެ މީހަކު މަރުވެއްޖެއެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި މަރުވެފައިވަނީ ހުޅުމާލޭ ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ ދެ މީހުންނެވެ. އެއީ ދަންވަރު 2:24 ގައި މަރުވި 86 އަހަރުގެ ދިވެހި ފިރިހެނަކާއި މިއަދު ހެނދުނު 6:30 ގައި މަރުވި 64 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި ދެ މީހުންގެ މަރާއެކު ރާއްޖެއިން ކޮވިޑް19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 89 އަށް އަރާފައެވެ.

މިދުވަސްވަރު ރާއްޖޭގައި ކޮވިޑް19 ހަލުވިކަމާއެކު ފެތުރެމުން ދާ އިރު، އިއްޔެއާ ހަމައަށް ރާއްޖެއިން ކޮވިޑް19 ގެ ޖުމްލަ 41،308 ކޮވިޑް ކޭސް ރިކޯޑުކުރެވިފައި ވެއެވެ.

އެޗްޕީއޭއިން އިއްޔެ ހާމަކުރި ގޮތުގައި އިއްޔެ ރާއްޖެއިން 1،216 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރެއިން 1،013 މީހުން ޕޮޒިޓިވް ވެފައިވަނީ މާލެއިންނެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑް19 ގެ 13،784 އެކްޓިވް ކޭސް ވާ ކަމަށް އެޗްޕީއޭއިން ރޭ އާންމުކުރި ހިސާބުތަކުން ދައްކައެވެ.

ކޮވިޑް19 ފެތުރުން ހުއްޓުވުމުގެ ގޮތުން މާލޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް މި ފަހުން ވަނީ އަޅާފައެވެ. އެގޮތުން، މާލޭގައި ހަފްތާއަކަށް ހަވީރު 4:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގާ އިރު، ކެފޭ ރެސްޓޯރަންޓުތައް ޑައިން އިން ހިދުމަތަށް ވަނީ ބަންދުކޮށްފައެވެ. އަދި ސްކޫލުތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށާއި، ސަރުކާރު އޮފީސްތަކުގެ މަސައްކަތްވެސް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ވަނީ އަންގާފައެވެ.