13 May 2021, 22:07
ކުރިއަށް އޮތް ހަފްތާގައި ވެސް މާލެ ސަރަހައްދުގެ ސްކޫލްތަކުގައި ކިޔެވުން ކުރިއަށް ގެންދާނީ އޮންލައިންކޮށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ކޮވިޑް19ގެ ކޭސްތައް އިތުރުވާން ފެށުމާ އެކު މާލޭ ސްކޫލްތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށްގެންދާ ގޮތަށް ބަދަލުކުރީ މި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެންނެވެ.
އެޑިއުކޭޝަނުން މިއަދު ބުނީ މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހާ ހަމައަށް ވެސް މާލޭ ސަރަހައްދުގެ ސްކޫލްތަކުގައި އޮންލައިންކޮށް ކިޔަވައިދޭގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. ނަމަވެސް ތާވަލާ އެއްގޮތަށް އިމްތިހާނުތައް ކުރިއަށް ދާނެ އެވެ.
އެންމެ ފަހުން ކިޔެވުން އޮންލައިންކޮށް ކުރިއަށްގެންދަން އެންގީ މިއަހަރުގެ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުގަ އެވެ. އެފަހަރު އެންގީ ކޮލެޖުތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށްގެންދިއުމަށާއި ޕްރީސްކޫލްތައް ބަންދު ކުރުމަށެވެ.
ސްކޫލްތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމީ ކޮވިޑް ކޭސްތައް ކޮންޓްރޯލް ނުކުރެވޭތީ އެވެ. މިދިޔަ ހަތަރު ދުވަހު ވެސް ޕޮޒިޓިވް ކޭސްތައް ހުރީ 1000 އަށް ވުރެ މަތީގަ އެވެ.