12 Feb 2012, 08:50
ކުއާލަލަންޕޫރު (ފެބްރުއަރީ 12) : އީރާނަށް ހަމަލާދޭން އިސްރާއީލަށް ނުކެރޭނެ ކަމަށް މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު ބިން މުޙައްމަދު ވިދާޅުވެއްޖެވެ.
އީރާނުގެ ކުރީގެ ޝާހު މުޙައްމަދު ރިޒާގެ ޚުދުމުޚްތާރު ރަސްކަން ވައްޓާލައި އާޔަތުﷲ ޚުމައިނީ އެޤައުމަށް ގެންނެވި އިސްލާމީ އިންޤިލާބަށް 33 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މެލޭޝިޔާގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން މަހާތީރު ވިދާޅުވީ އީރާނާ ތޮޅެން އިސްރާއީލަށް ނުކެރޭނެ ކަމަށާއި އީރާނާ ކުޅެލެވޭވަރަށްވުރެ އީރާންވަނީ ޢަސްކަރީ ޓެކްނޮލޮޖީގައާއި ހަތިޔާރުގެ ސިނާއަތުގައި ކުރިޔަށް ގޮސްފައި ކަމަށެވެ.
މަހާތީރު ވިދާޅުވީ އިސްރާއީލުން ޢަސްކަރީ ނިއުކްލިޔަ ޕްރޮގްރާމެއް ކުރިޔަށް ގެންދާއިރު އީރާނުގެ ނިއުކްލިޔަ ޕްރޮގްރާމް ވެސް ހުއްޓުވިގެން ނުވާނެ ކަމަށެވެ. އަދި އީރާނުގެ ނިއުކްލިޔަ ޕްރޮގްރާމްގެ އަމާޒަކީ ނިއުކްލިޔަ ހަތިޔާރު އުފެއްދުންކަން އެމެރިކާއާއި ބައިނަލްއަޤްވާމީ މުޖްތަމަޢަށް ސާބިތުކޮށް ދެވިފައި ނުވާކަމަށާއި ސުލްހަވެރިގޮތުގައި ނިއުކްލިޔަ ޓެކްނޮލޮޖީ ތަރައްޤީކޮށް އެއިންފައިދާ ޙާސިލްކުރުމުގެ ޙައްޤު އީރާނަށްވެސް ލިބިގެންވާކަމަށެވެ. -- އަލްޢާލަމް