12 Feb 2012, 08:43
ރަންގޫން (ފެބްރުއަރީ 12) : މިޔަންމާގެ ޕާލަމެންޓްގެ ގޮނޑިތަކުގެ ތެރޭން އިންތިޚާބަށް ނެރެފައި ގޮނޑިއަކަށް ވާދަކުރެއްވުމަށްޓަކައި އެ ޤައުމުގެ އިދިކޮޅު ލީޑަރު އަން ސަން ސޫޗީ އިންތިޚާބުގެ ކެމްޕޭން ފައްޓަވައިފި އެވެ.
މިއީ، ސޫޗީ ޕާލަމެންޓްގެ ގޮނިޑިއަކަށް ވާދަކުރައްވާ ފުރަތަމަ ފަހަރެވެ. މިޔަންމާއަށް ޑިމޮކްރަސީ ގެނައުމަށް މަސައްކަތްކުރާ "ނެޝަނަލް ލީގް އޮފް ޑިމޮކްރަސީ" ޕާޓީގެ ބާނީ، އަންސަން ސޫޗީ ކުރިމަތިލައްވާފައިވާ ގޮނޑި ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން އޭނާ ކާމިޔާބުކުރައްވާނެކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
މިގޮނޑި ސޫޗީ ކާމިޔާބުވި ނަމަވެސް އަދި ޕާލަމެންޓްގެ ގޮނޑިތަކުގެ ތެރޭން އިންތިޚާބަކުން ހޮވުމަށް އެކަށައަޅާފައިވާ ހުރިހާ ގޮނޑިއެއް އެކަމަނާގެ ޕާޓީކާމިޔާބު ކުރި ނަމަވެސް އެޕާޓީއަށް މަޖިލީހުގެ އަޣުލަބިއްޔަތެއް ނުލިބޭނެ އެވެ. ސަބަބަކީ ޕާލަމެންޓްގެ ގޮނޑިތަކުގެ ތެރޭން އިންތިހާބަށްނެރެފައި ވަނީ އެންމެ 48 ގޮނޑި ކަމަށްވެފައި އެއަށްވުރެ ގިނަ ގޮނޑި ފުރަމުންދަނީ ވެރިކަން ކުރާ ޕާޓީން އިންތިޚާބަކާނުލާ އައްޔަންކޮށްފައިވާ މެމްބަރުން ކަމަށްވާތީ އެވެ.
މިޔަންމާގެ ޢަސްކަރީ ވެރިން ވަނީ އިސްލާޙީ ޕްރޮގްރާމެއްގެ ދަށުން ޑިމޮކްރަސީގެ ބައެއް އުސޫލުތައް އެޤައުމަށް ތަޢާރަފް ކުރައްވަން ފައްޓަވާފައެވެ. މިގޮތުން ޕާލަމެންޓްގެ ގޮނޑިތަކުގެ ތެރޭން އިންތިހާބަށް ނެރެފައިވާ ގޮނޑިއަކަށް ވާދަކުރެއްވުމުގެ ފުރުސަތު މިނިވަންގޮތެއްގައި ސޫޗީއަށާއި އޭނާގެ ޕާޓީއަށް ދިނުމަކީ ކުރިން ޚިޔާލުކުރެވިފައިވާ ކަމެއް ނޫނެވެ. ކޭންޕޭން ފައްޓަވަމުން އިއްޔެ ސުޗީ ވިދާޅުވީ އިންތިހާބު މިނިވަން ވެފައި އިންސާފު ވެރިވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި އިންތިޚާބަކުން ކާމިޔާބުކުރުމަށް ހުޅުވާލެވިފައިވާ 48 ގޮނޑިވެސް އޭނާގެ ޕާޓީއަށް ކާމިޔާބު ކުރެވޭނެކަމުގެ އުންމީދު ބޮޑުކަމަށެވެ.
މިޔަންމާގެ ޢަސްކަރީ ވެރިން އެޤައުމަށް ގެނަސްފައިވާ ޑިމޮކްރެޓިކް އިސްލާހްތަކާ ގުޅިގެން އަސްކަރީ ޚުދުމުޚްތާރު ވެރިކަމުގެ ނިޒާމް އުވާލުމަށްފަހު މަދަނީ ސަރުކާރެއްވަނީ ޤާއިމްކޮށްފައެވެ. މި ސަރުކާރުން ކުރިޔަށް ގެންދާ އިސްލާޙީ ޕްރޮގްރާމް ބައިނަލްއަގުވާމީ މުޖުތަމައު މިހާރުވަނީ ބަލައިގެންފައެވެ. މިގޮތުން މިޔަންމާއާ ކުރިން ދުޝްމަންކަން ގެންގުޅުނު އެމެރިކާފަދަ ޤައުމުތަކުގެ މަސްއޫލުވެރިން މިހާރު ވަނީ އެޤައުމަށް އަލުން ޒިޔާރަތްކުރައްވަން ފައްޓަވާފައެވެ. -- ރޮއިޓާސް