މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރަގައި ލިބިދާނެ ގެއްލުންތަކަށް ސަމާލުވުމަށް ޑިޒާސްޓާ މެނޭޖުމެންޓު އޮތޯރިޓީ އިލްތިމާސް ކޮށްފި އެވެ.

އެންޑީއެމްއޭ އިން ބުނީ ކުރިއަށް އޮތް 48 ގަޑިއިރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ލަފާކޮށްފައިވާ ކަމަށެވެ.

އެހެންކަމުން، ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުންނާއި ވައިގަދަ ވެގެން ގޯތި ގެދޮރަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ސަމާލުވާން ވަނީ އިލްތިމާސް ކޮށްފައެވެ.

ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ރައްކާތެރި ވުމަށާއި ގެއަށް ފެން ނުވަންނާނެހެން ވެލި ބަސްތާ ޖެހުމަށް އެންޑީއެމްއޭ އިން އިލްތިމާސް ކުރެއެވެ އަދި ފެން ބޮޑުވެއްޖެ ހާލަތެއްގައި ފެން ޖެހި ހަލާކުވެދާނެ ފަދަ މުދާ ފެން ނުޖެހޭނެ ހެން އުސްތަންތަނަށް ލުމަށާއި ވައިގަދަ ވެގެން އެއްލާލަފާނެ ތަކެތި ބަނދެ ރައްކާތެރި ކުރުމަށްވެސް އެ އިދާރާ އިން އިލްތމާސް ކުރެއެވެ.

ޑިޒާސްޓާ މެނޭޖުމެންޓުން ބުނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި، ދަތުރަށް ފަށާއިރު މުވާސަލާތީ ތަކެތި އަދި ރައްކާތެރިކަމުގެ އާލާތްތައް ހަމަތ ޔގީން ކުރުމަށްވެސް އިލްތިމާސް ކުރާ ކަމަށެވެ.

ވިއްސާރަ ވާނެ ކަމަށް ލަފާކޮށް މެޓުން ވަނީ ހއ. އިން ފެށިގެން ތ. އަތޮޅާއި ހަމައަށް ޔެލޯ އެލާޓް ނެރެފައެވެ. އެ ސަރަހައްދުތަކަށް ވިލާގަނޑުގައި 55 މޭލަށް ވައި ގަދަވާނެ ކަމަށާއި ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ،