12 Feb 2012, 08:34
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން މިދިޔަ ބުދަ ދުވަހު ކުރި މުޒާހަރާއަށް ފަހު ރާއްޖޭގެ އެކިއެކި ރަށްރަށުގެ ތަންތަނަށާއި މުދަލަށް ގެއްލުންދިން މައްސަލަތަކުގެ ތަހުގީގު ނިންމާ ޝަރީއަތަށް ހުށަހަޅަން ކުރިއަށްއޮތް ދެ ހަފުތާގެ ތެރޭގައި ޕީޖީއަށް ފޮނުއްވާނެ ކަމަށް އާ ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަލީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓަރު ޖަމީލް ސަންއޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ދިން ގެއްލުންތަކުގެ ތަހުގީގުތައް ފަށާފައިވާ ކަމަށާއި އެ ތަހުގީގުތައް ދެ ހަފުތާގެ ތެރޭގައި ނިންމަވާނެ ކަމަށެވެ.
ޑރ. ޖަމީލަކީ އޭނާއާ ދެކޮޅަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ރައްޔިތުންގެ ހިތްތަކުގައި ސަރުކާރާމެދު ނަފުރަތު އުފައްދައި ގައުމުގެ ސިޔާދަތަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ދައްކާ ދީނީ އެއްބައިވަންތަކަން ނަގާލާފައިވާ ކަމަށް ބުނެ މައްސަލައެއް ޕީޖީއަށް ފޮނުވާފައިވާ ބޭފުޅެކެވެ.
"ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް މިހާރު އޮންނާނީ ތަހުގީގު ފަށާފައި. ތަހުގީގު ނުފަށާ އެއްވެސް ތަނެއް ނޯންނާނެ. ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ތަހުގީގު ނިންމާ ޝަރީއަތަށް ހުށަހެޅުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވޭތޯ އަޅުގަނޑުމެން މިބަލަނީ،" ޑރ. ޖަމީލު ވިދާޅުވި އެވެ.
މިނިސްޓަރު ޖަމީލު ވިދާޅުވީ މީގެ ކުރިން މިފަދަ މައްސަލަތައް ތަހުގީގު ނުކުރެވި ދިގު މުއްދަތަކަށް އޮތް ނަމަވެސް މި މައްސަލަތައް ތަހުގީގު ނުކޮށް ނުބާއްވާނެ ކަމަށާއި ސަރުކާރުގެ މުދަލުގައި ހުޅުޖަހައި އާންމު ރައްޔިތުންތަންނަށް ގެއްލުން ދިނުމުގައި ޒިންމާވާ ފަރާތްތަކަށް ކަނޑައެޅޭ އަދަބު އޭގެ އެންމެ ފުރިހަމަ މިނުގައި ތަންފީޒުކުރައްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.
މިކަން ތަހުގީގުކޮށް އެކަންތައްތައް ކުރި މީހުންނަށް ހައްގު އަދަބު ނުދީފިނަމަ އެކަންކަން ތަކުރާރުވުމުގެ ބިރު ވަރަށް ބޮޑަށް އޮންނާނެ ކަމަށާއި އެހެންކަމުން ގެއްލުން ދިން މައްސަލަތައް ތަހުގީގުނުކޮށް ދޫކޮށްލެވެން ނެތް ކަމަށް ވެސް ޑރ. ޖަމީލު ވިދާޅު ވިއެވެ.
ނަޝީދުގެ ސަރުކާރުގެ ކޮމިއުނިކޭޝަން މިނިސްޓަރު ކަމާއި މައުމޫނުގެ ސަރުކާރުގެ ޖަސްޓިސް މިނިސްޓަރު ކަމާއި އިސް ގާޒީކަން ކުރެއްވެވި ޖަމީލު ވިދާޅުވީ ނަޝީދުގެ ސަރުކާރު ވެއްޓުމަށްފަހު ތަފާތު ފަހަރުމަތިން ނަޝީދު ހަގީގަތާއި ޚިލާފު ވާހަކަތައް ދައްކަވަމުން ގެންދާކަމަށާއި އެފަދަ ހަގީގަތާއި ޚިލާފު ވާހަކަތަކުގެ ސަބަބުން ރާއްޖޭގެ އަމަންއަމާން ކަމާއި ސުލްހަ މަސަލަސްކަމަށް ހުރަސް އެޅެމުންދާ ކަމަށެވެ. އަމަން އަމާންކަން ގާއިމް ކުރުމަށް ހުރަސް އެޅޭފަދަ އެއްވެސް ކަމެއް ނުކުރުމަށް ވެސް ޑރ ޖަމީލު ވަނީ ކުރީގެ ރައީސް ނަޝީދު އާއި އެމަނިކުފާނުގެ އަރިހު ބޭފުޅުންނަށް ގޮވައިލައްވާފައެވެ.
"ނަޝީދުއާ އޭނާއާ އެކީގައި ތިއްބެވި ބޭފުޅުންނަށް އަޅުގަނޑު ގޮވާލަން އަމަންއަމާން ކަމަށް ހުރަސް އެޅޭފަދަ ކަންތައްތަކަށް ހިތްވަރު ނުދެއްވަން،" ޖަމީލް ވިދާޅުވި އެވެ. "މިހާރަކަށް އައިސް ތަފާތު ފަހަރުމަތިން ޚުދު ނަޝީދު ވެސް ޚަގީގަތާއި ޚިލާފު ގިނަ ވާހަކަތަކެއް ދައްކާ. އެފަދަ ހަގީގަތާއި ޚިލާފު ވާހަކަތަކުގެ ސަބަބުން އަމަން ގެއްލުމަށް މަގުފަހިވާތީ އެއީ އަޅުގަނޑު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް،"
ދިގު ދެމިގެންދިޔަ މުޒާހަރާތަކަކަށް ފަހު މިދިއަ އަންގާރަ ދުވަހު ރައީސް ނަޝީދުގެ ސަރުކާރު ވެއްޓުމާ ގުޅިގެން ޖެހިގެން އައި ބުދަ ދުވަހާއި އެރޭ މާލެ އާއި ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ވަނީ ހަމަނުޖެހުންތައް ހިންގައި ދައުލަތާއި އާންމުންގެ މުދަލަށާއި ތަކެއްޗަށް ބޮޑެތި ގެއްލުންތައް ދީފަ އެވެ. އެ ހާދިސާތަކާ ގުޅިގެން ފުލުހުން ވަނީ ގިނަ ބަޔަކު ހައްޔަރު ވެސް ކޮށްފަ އެވެ.