12 Jul 2010, 11:27
14:30
ކުއްލި ގޮތަކަށް ސިޔާސީ އިސް ފަރާތްތައް ބަންދުކުރައްވައި، ކޮރަޕްޝަނުގެ ނަމުގައި ސަރުކާރުން މަސައްކަތްކުރައްވަނީ ސިޔާސީ މަންފާތަކެއް ހޯދުމަށް ކަމަށާއި އެކަމުގެ ހެކިތައް ބޭރުގެ ފަރާތްތަކާއެކު ހިއްސާކޮށްފައިވާނެ ކަމަށް ގައުމީ ޕާޓީން ބުނެފި އެވެ.
ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމާ ގުޅޭ ގޮތުން ސްރީލަންކާގައި ތިއްބަވާ ބޭރުގެ ޑިޕްލޮމޭޓުންނަށް މައުލޫތު ދެއްވުމަށް އިދިކޮޅު ފަރާތްތަކުން މިދިޔަ ހަފްތާބަންދުގައި ކުރެއްވި ދަތުރާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ގައުމީ ޕާޓީގެ އަމީން އާއްމު އަބްދުﷲ އަމީން ވިދާޅުވީ، ކޮރަޕްޝަނުގެ މައްސަލަތައް ހައްލުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ސަރުކާރަށް ނުކުރެވުމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ އިތުރު މައްސަލަތަކުގެ ވާހަކަ ބޭރުގެ ފަރާތްތަކަށް ދަންނަވާފައިވާނެ ކަމަށެވެ. އަދި ކުއްލި ގޮތަކަށް ސިޔާސީ އިސް ފަރާތްތައް ބަންދުކުރައްވާ ކޮރަޕްޝަނުގެ ނަމުގައި ސަރުކާރުން މަސައްކަތްކުރަމުންދަނީ ސިޔާސީ މަންފާތަކެއް ހޯދުމަށް ކަމަށްވެސް ދަންނަވާފައިވާނެ ކަމަށް އަމީން ވިދާޅުވި އެވެ. މީގެ އިތުރުން ސަރުކާރުން ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖޭގައި ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އެމަގުން ކަންކަން ހިނގާފައިވާކަމުގެ ތަފާތު ހެކިތައް އެ ބޭރުގެ ޑިޕްލޮމޭޓުންނާއެކު ހިއްސާކުރައްވާފައިވާނެ ކަމަށްވެސް އަމީން ވިދާޅުވި އެވެ.
އަމީން އަދި ވިދާޅުވީ، ނިމިގެންދިޔަ ދިގު ވެރިކަމުގައި، ވެރިކަންކުރި ފަރާތަށް އޭރު އޮތް ނޫކުލައިގެ ޤާނޫނު އަސާސީގެ ދަށުން ލިބިދިން ބާރުތައް ލިބިގަތުމަށް މިހާރުގެ ސަރުކާރުން ޝައުގުވެރިވާ ވާހަކަ ވެސް ދަންނަވާފައިވާނެ ކަމަށެވެ. އަދި ޤާނޫނު ހަދާ މަޖިލީހަށް ސަރުކާރުން ނުފޫޒު ފޯރުވާ ވާހަކަވެސް ކިޔައިދެއްވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޑިޕްލޮމޭޓުން ވަނީ އިދިކޮޅު ފަރާތްތަކުގެ ވާހަކަތައް ރަނގަޅަށް އަޑުއައްސަވާފައި ކަމަށާއި ހަގީގަތް ހޯއްދެވުމަށްފަހު، ވީހާވެސް އިންސާފުވެރިކަމާއެކު އެބޭފުޅުންނަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި ކަމަށް އަމީން ވިދާޅުވި އެވެ.
ކެބިނެޓު އެއްފަހަރާ އިސްތިއުފާ ދެއްވުމާއި، ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުން ބަންދުކުރެއްވި މައްސަލަތަކާ ގުޅޭ ގޮތުން ބޭރުގެ ފަރާތްތަކަށް މައުލޫމާތު ދެއްވުމަށް ލަންކާއަށް ވަޑައިގެންނެވި ވަފްދުގައި ހިމެނިވަޑައިގެންނެވީ ޑީއާރްޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ އާއި، ގައުމީ ޕާޓީގެ ރައީސް ޑރ.ހަސަން ސައީދާއި، އެ ޕާޓީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދުގެ އިތުރުން ހަމަ އެ ޕާޓީގެ ކައުންސިލް މެމްބަރު އަބްދުއްރަހީމެވެ.
މީގެ އިތުރުން ގައުމުގެ ހޫނުވެފައިވާ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓަރ ޑރ.އަހްމަދް ޝަހީދާއި، ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމާއި ޓޫރިޒަމް މިނިސްޓަރ ޑރ.އަހްމަދް ސަވާދު އަލީގެ އިތުރުން ބަންޑާރަ ނައިބު ހުސްނު ސުއޫދު ވެސް ވަނީ ލަންކާއަށް ވަޑައިގެންފައި ކަމަށް ދުވަހު ނޫހެއްގައި ވަނީ ބުނެފަ އެވެ. ނަމަވެސް، މި ވަފްދުގައި ހިމެނިވަޑައިގެންނެވި އެއްވެސް ބޭފުޅަކާ ގުޅާލަން ކުރި މަސައްކަތް ކާމިޔާބުނުވުމުގެ ސަބަބުން އެ ދަތުރުގެ ތަފްސީލެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.
ސަރުކާރުގެ ވަފްދުގައި ހިމެނިވަޑައިގެންނެވި ކަމަށް ބުނާ ބޭފުޅުންނާ ހަވާލާދެއްވާ ދުވަހު ނޫހެއްގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިނަސް ވަޒީރުން ވަކި ކުރެވޭނެ އުސޫލެއް ނެތް ކަމަށް ބޭރުގެ ފަރާތްތަކަށް އެ ބޭފުޅުން އަންގާފައިވާނެ ކަމަށެވެ. އަދި ކޮރަޕްޝަން ނައްތާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު ބައެއް މެމްބަރުން ބަންދުކޮށްފައިވަނީ ޤާނޫނުތަކާއި ޤާނޫނު އަސާސީއާ އެއްގޮތްވާ ގޮތެއްގެ މަތިން ކަމަށްވެސް އެ ބޭފުޅުން ކިޔައިދެއްވާފައިވާ ކަމަށް ބުނެފައިވެ އެވެ.