12 May 2021, 19:22
ކޮވިޑް19 އިން ރައްކާތެރިވުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކުން ބަލި ކޮންޓްރޯލު ނުވެއްޖެ ނަމަ އިތުރު ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށްް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްެޖެ އެވެ.
މިރޭ ގައުމާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މިއަހަރުގެ ފިތުރު އީދާ ބައްދަލު ކުރިއިރި، ކޮވިޑުގެ ސަބަބުން އީދުގެ އުފަލަށް ހުރަސް އެޅިފައިވާ ކަމަށެވެ. ބަލިން ރައްކާތެރިވުމަށް މީގެ ކުރިން މާލެ ފުރަބަންދުކޮށް ރާއްޖޭގެ ބޯޑަރު ބަންދު ކުރަން ޖެހުނު ކަމަށެވެ އޭގެ ސަބަބުން ބަލި ޖެހޭ މީހުންގެ އަދަދު ދަށަށް ދިޔަ ނަމަވެސް، އޭގެ ސަބަބުން ލިބުނު އިގްތިސޯދީ ގެއްލުން ބޮޑު ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު އަދިވެސް އޮތީ ނާޒުކު ފައްތަރެއްގައި ކަމަށާއި ބަލި މުޅިން ކޮންޓްރޯލް ނުވިޔަސް، ވިޔަފާރިތައް ހުއްޓި، އާމްދަނީ ހޯދޭނެ ގޮތެއްނެތި، ރައްޔިތުންގެ ދިރިއުޅުމަށް ކުރިމަތިވި ގޮންޖެހުންތަކާ ގުޅިގެން، ލުއިތަކެއް ދޭން ޖެހުނު ކަމަށެވެ.
"އެ ލުއިތަކާއެކު، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އެކަށީގެންވާ ވަރަށް ސަމާލުކަން ނުދެވުމުން، އަނެއްކާވެސް މި ފެންނަނީ ބަލިފެތުރުން އިތުރުވާ މަންޒަރު. މިހާރުގެ ހާލަތަށް ބަލާއިރު، މި ބައްޔާ ދެކޮޅަށް، އަޅުގަނޑުމެން އެންމެންނަށް އެކުގައި މަސައްކަތް ނުކުރެވިއްޖެނަމަ، ސިއްހީ ނިޒާމަށް އޮބިނޯންނަ މިންވަރަށް ހާލަތު ގޯސްވެދާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކޮވިޑަށް މިހާރު ޕޮޒިޓިވްވާ ނިސްބަތަށް ބަލާއިރު ނިސްބަތަށް ބަލާއިރު، އިތުރު ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެފައިވާ ކަަމަށެވެ.
"މިއަދު އަޅަން ފަށާފައިވާ ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒުކުރުމުގައި، ރައްޔިތުންގެ އެއްބާރުލުން އިންތިހާއަށް ބޭނުންވާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފަރުދީ ޒިންމާއަށްވުރެ، މި ބަލި ކޮންޓްރޯލް ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ، އެހެން އެއްވެސް ކަމެއް ނެތް ކަމަށެވެ.
"މިއަދު އަޅަން ފެށި ފިޔަވަޅުތަކަށް ރަނގަޅަށް ޢަމަލުނުކޮށްފިއްޔާ، އިތުރު ފިޔަވަޅުތައް އަޅަންޖެހުމަކީ އެކަށީގެންވާ ކަމެއް. އެފަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފިއްޔާ، މިހާރަށް ވުރެ މާގިނަ ދަތިތައް އަޅުގަނޑުމެންނަށް ކުރިމަތިވާނެ. ކުރިއަށް އޮތް މަސްދުވަހު، ހިތްވަރާއެކު އެންމެން އެކުގައި މަސައްކަތް ކޮށްފިއްޔާ، މިބަލިމަޑުކަމުން އަރައިގަތުމުގެ އަލިމަގު، މާތް ﷲގެ ވާގިފުޅާއެކު އަޅުގަނޑުމެންނަށް ފެންނާނެ،" ރައީސް ވިދާޅުވި އެވެ.
ބަލިވާ މީހުންނަށް ފަރުވާ ދިނުމަށް ރާއްޖެއަށް ބޭނުންވާ މިންވަރަށް، ބޭސްފަރުވާގެ ވަސީލަތްތަކާއި ސިއްހީ ހިދުމަތްތަކަށް ބޭނުންވާ އާލާތްތައް ހުރި ނަމަވެސް، އިންސާނީ ވަސީލަތްތައް އެވަރަކަށް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސިއްހީ ހިދުމަތްތެރިންނާއި ސަލާމަތީ ބާރުތަކުން، އަދި ހިލޭ ސާބަހަށް މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންވެސް ކޮ ވިޑް ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި ވަމުންދަނީ ބޮޑު ގުރުބާނީ އެއް ކަމަށެވެ.
ކޮވިޑް ފިޔަވަޅުތައް ވަރުގަދަ ކުރަންޖެހިދާނެ ކަމަށް ރައީސް ވިދާޅުވި އިރު މިއަދުން ފެށިގެން މާލެ ސަރަހައްދުގައި ވަނީ ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް ކާފިއު އިއުލާނު ކޮށްފަ އެވެ. އަދި ބަލި ފެތުރޭ ރަށްރަށުގައިވެސް ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ.