ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމާ ގުޅިގެން ރާއްޖޭގެ ކަންކޮޅުތަކުގައި އާއްމުންނާއި ސަރުކާރުގެ ބައެއް ތަންތަނަށް ގެއްލުންދީ ޓެރަރިޒަމަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރު ކުރާ އެއްވެސް މީހަކާ ދޭތެރޭ ގާނޫނީ އިމުން ބޭރު އެއްވެސް އަމަލެއް ނުހިންގާނެ ކަމަށް މޯލްޑިވެސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ރަޝީދު ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި އަތޮޅުތަކުގައި ހިންގާފައިވާ ހަމަނުޖެހުންތަކުގައި ޕޮލިހުންނަށް ޖިސްމާނީ ގޮތުން އެތައް އަނިޔާތަކެއް ދީ ޕޮލިސް ސްޓޭޝަންތަކަށާއި ސަރުކާރުގެ އެހެނިހެން ވެސް ބައެއް އިމާރާތްތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް އައްޑޫ ސިޓީ އިން 74 މީހަކާއި ލ. އަތޮޅުން 18 މީހެއްގެ އިތުރުން ގދ. ރަތަފަންދޫން ތިން މީހަކު ހައްޔަރު ކުރުކޮށްފައިވާ ކަމަށާއި ނަމަވެސް އެއިން އެއްވެސް މީހަކާ ދޭތެރޭގައި ގާނޫނީ އިމުން ބޭރުން އެއްވެސް އަމަލެއް ނުހިންގާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ. އަދި ގާނޫނު އަސާސީ އިން އެ ފަރާތްތަކަށް ލިބިދޭ ހައްގަށް އެއްވެސް އުނިކަމެއް އަޔަ ނުދީ އެ ހައްގުތައް ފޯރުކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ހުރިހާ ފަރާތްތަކަށް ވެސް ލިބިގެންވާ އެންމެހާ ހައްގުތައް ފުރިހަމައަށް ލިއްބައިދިނުމަށް ކޮމިޝަނަރު އޮފް ޕޮލިސް އަށް ވަނީ މި މައްސަލަތައް ތަހުގީގުކުރުމުގައި ހަރަކާތްތެރިވާ ހުރިހާ ފުލުހުންނަށް އަންގަވާފައި،" އޭނާ ވިދާޅުވި އެވެ.

އެ ހަމަނުޖެހުންތަކުގައި އައްޑޫ ސިޓީ އިން ހައްޔަރުކުރި މީހުންނަށް ބޮޑެތި އަނިޔާތައް ދީފައިވާ ކަމަށް ބުނެ ފަތުރާ ވާހަކަތައް އޭނާ ވަނީ ދޮގުކުރައްވައިފަ އެވެ. އަދި ވިދާޅުވީ އެސްއެމްއެސް މެދުވެރިކޮށް ފަތުރަމުންދާ އެ ހަބަރުތަކަކީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި އިތުރަށް ހަމަނުޖެހުން އުފައްދަން ބަޔަކު ކުރަމުން އަންނަ ކަމެއް ކަމަށާއި އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ. މީގެ އިތުރުން އެފަދަ ހަގީގަތެއް ނެތް އަމަލުތައް ހުއްޓުމަކަށް ގެނެސް އެއްބައިވަންތަކަން ދެމެހެއްޓުމަށް އެހަބަރު ފަތުރާ ފަރާތްތަކަށް އޭނާ ގޮވާލެއްވި އެވެ.

"އެފަދަ ހަގީގަތެއް ނެތް ދޮގެ އެސްއެމްއެސްތައް ފަތުރާ ފަރާތްތަކަށް އަޅުގަނޑު ގޮވާލަނީ މިފަދަ ނާޒުކު ދަނޑިވަޅެއްގައި ރައްޔިތުންނާއި ގައުމުގެ މަސްލަހަތަށް ވިސްނައި ގައުމުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށާއި ގައުމުގެ އަމަން އަމާންކަމާއި މަސަލަސްކަން ދެމެހެއްޓުމުގައި ފުރިހަމަ އެއްބާރުލުން ދެއްވަން،" އޭނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އެ ހަމަނުޖެހުންތަކުގައި ލިބުނު ގެއްލުން ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށާއި ގެއްލުންތަކާ ބެހޭ މައުލޫމާތު ލިބޭ ވަރަކުން މީޑިއާ އާ ހިއްސާ ކުރައްވަމުން ގެންދަވާނެ ކަމަށެވެ.

މިދިޔަ ބުދަ ދުވަހު އަތޮޅުތަކުގައި ހިންގި ހަމަނުޖެންތަކުގައި އައްޑޫ އާއި ތިނަދޫގެ ޕޮލިސްޓޭޝަންތަކުގައި ރޯކޮށް އަންދާލާފައިވާ އިރު ބައެއް ހިސާބުތަކުގެ ކޯޓުތަކުގައި ވެސް ރޯކޮށް ބޮޑެތި ގެއްލުންތަކެއް ވަނީދީފަ އެވެ. އަދި ފުލުހުންނަށް ކުރިމަތިވަމުންދިޔަ ޖިސްމާނީ އަނިޔާތަކަށް ހުރަސްއެޅުމުގެ ގޮތުން ބައެއް ރަށްރަށުގެ ފުލުހުން ވަނީ އެހެން ރަށްތަކަށް ބަދަލުވެސް ކޮށްފަ އެވެ.