ރިޔާސީ އިންތިހާބު ބާއްވާން ޖެހޭ މުއްދަތުގެ ކުރިން އެ އިންތިހާބު ނުބާއްވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ވަހީދު ވިދާޅުވީ ރައީސް ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަނިކުފާނު ރައީސްކަމާއި ހަވާލްވެލެއްވީ ގާނޫނު އަސާސީގައި ބުނާގޮތަށް ކަމަށާއި ކުރިއަށް އޮތް 2013 ވަނަ އަހަރުގެ ކުރިން ރިޔާސީ އިންތިހާބެއް ބޭއްވުމަށް އެ މަނިކުފާނު ގަސްތު ނުކުރަށްވާ ކަމަށެވެ.

އަދި ވިދާޅުވީ ގައުމަށް މިހާރު ކުރިމަތިވެފައިވާ ސިޔާސީ ފުންވަޅުގަނޑުގެ ތެރެއިން ގައުމު ސަލާމަތް ނުވަނީސް މިދަނޑިވަޅުގައި އިންތިހާބެއް ބާއްވައިފިނަމަ ގައުމު މިއަށްވުރެ ވެސް ނިކަމެތި ހާލަތަކަށް ހިނގައި ދާނެ ކަމުގެ ބިރު އެ މަނިކުފާނަށް އެބައޮތް ކަމަށެވެ.

"ކުރިއަށް އޮތީ ދޮޅުއަހަރެއްހާ ދުވަސް ހަގީގަތުގައި އިންތިހާބަކަށް މަސައްކަތް ކުރަން. ބައެއް ބޭފުޅުން ކެންޑިޑެސީ ވެސް އިއުލާން ކޮށްފި.[ސިޔާސީ ލީޑަރުންގެ] އަމަލްތައް ފެންނަންހުރި ގޮތުން އިންތިހާބެއްގެ މަސައްކަތް ވެސް ހިނގާހެން ހީވޭ. އަޅުގަނޑުގެ ވާހަކައަކީ މިދަނޑިވަޅު ބާވައޭ އިންތިހާބެއް ބާއްވަންވީ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ 2013 ވަނަ އަހަރުގެ އިންތިހާބު ބޭއްވުމުގެ ކުރިން ކުރިއަށް ހުރިކަންތައް ފާހަގަކޮށް އެކަމުގައި ކުރިއަށްދާނެ ރޯޑް މެޕެއް ހެދުމަށް ހުރިހާ ފަރާތްތަކުން ވެސް ބައިވެރިވުމަށް މަރުހަބާ ކިޔުއްވާ ކަމަށެވެ.

"އޭގެ ތެރެއިން އެންމެ ފުރަތަމަ ސްޓެޕެއްގެ ގޮތުގައި އެމްޑީޕީ ވެސް ސަރުކާރުގައި ބައިވެރިވެ ދެއްވުމަށް އަޅުގަނޑު އެދެން،"

ރައީސްގެ ކެބިނެޓާއި އިއުލާން ކުރެއްވުމާއި ގުޅޭގޮތުން ވިދާޅުވީ ކެބިނެޓް އެކުލަވާލުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި މާދާމާ ނުވަތަ އަނެއް ދުވަހުން ނަމަވެސް ކެބިނެޓައް އިތުރު މެންބަރުން އައްޔަން ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނުގެ ރޫހަކީ ހުރިހާ ސިޔާސީ ޕާޓީތައް ވެސް ކެބިނެޓްގައި ބައިވެރިކުރުންކަމަށާއި ކެބިނެޓް އެކުލަވާލާއިރު އެމްޑީޕީ ބައިވެރިވާނެކަމަށް އުއްމީދުކުރައްވާ ކަމަށާއި އެޕާޓީއަށް ޓަކައި ކެބިނެޓުން ޖާގަ ބަހައްޓަވާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުމެއް ނޫން ކޮންމެހެން އަޅުގަނޑު އަމިއްލަ ކަމަކަށް އެކަން ހަދައިގެން އުޅޭކަށް. އަލުގަނޑުގެ ޕާޓީގެ [ގައުމީ އިއްތިހާދުގެ] އެއްވެސް ބޭފުޅަކަށް ކެބިނެޓުން މަގާމެއް ދެއްވާކަށް ގަސްދެއް ނުކުރަން،" ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް އައްޔަން ކުރެއްވުމާ ގުޅޭ ގޮތުން ރައީސް ވަހީދު ވިދާޅުވީ އެކަން ސިޔާސީ ކަމަކަށް ހައްދަވަން ބޭނުންފުޅު ނުވާ ކަމަށާއި ނައިބު ރައީސަކު އައްޔަންކުރެއްވުމަށް ޕްރެޝަރު ނުކުރެއްވުމަށް ސިޔާސީ ޕާޓީތަކަށް ވެސް އެމަނކިފާނު އިލްތިމާސްކުރައްވާފައިވާ ކަމަށެވެ.

ކުރީގެ ސަރުކާރުގެ ނައީބު ރައީސެއްގެ ހައިސިއްޔަތުން އެމަނިކުފާނަށް ތަޖުރިބާތަކެއް ކުރެއްވިފައިވާ ކަމަށާއި އެހެންކަމުން ގައުމުގެ ނައިބު ރައީސަކީ މަސްއޫލިއްޔަތުތަކެއް ހަވާލުކުރެވި، ގައުމުގެ ރައްޔިތުން އިހްތިރާމްކުރައްވާ ބޭފުޅެއް ކަމުގައި ހައްދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.