11 Feb 2012, 18:43
ޕީޕީއެމްގެ ފަރާތުން މާދަމާ ރޭ ބާއްވާ ޖަލްސާއަކީ އިއްތިހާދުގެ ބައިބައިވުމެއް ނޫންކަމަށް ޕީޕީއެމުން މިއަދު ބުނެފިއެވެ.
ޕީޕީއެމްގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސް އަބްދުއް ރަހީމް އަބްދުﷲ މިއަދު ވިދާޅުވީ މި މި ޖަލްސާއަކީ މީ ގެކުރިން 23 ޑިސެމްބަރުގެ އިއްތިހާދާއެކު ކުރި މަސައްކަތުގެ ސަބަބުން ޕާޓީގެ މަސައްކަތްތަކާއި ކުޑަކޮށް ދުރަށްޖެހިލުމަށް ފަހު އަނެއްކާ ވެސް ޕާޓީގެ ކަންކަމުގައި މަސްއޫލުވުމަށް ވަގުތު ލިބިފައި ވުމުގެ ސަބަބުން ބާއްވާ ޖަލްސާއެއް ކަމަށެވެ.
"އެއްގޮތަކަށް ވެސް ޕީޕީއެމުން ބައްދަލްވުމެއް ބޭއްވުމަކީ އިއްތިހާދު ބައިބައި ވުމެއް ނޫން. އިއްތިހާދުގެ ރެލީއެއް ވެސް މާދުރު ނޫން މުސްތަގުބަލެއްގައި އޮންނާނެ،" އަބުދުއް ރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާދަމާ ރޭ ބާއްވާ އެ ޕާޓީގެ ޖަލްސާއަކީ އެ ޕާޓީގެ މެންބަރުންނާއި ހެޔޮ އެދޭ ފަރާތްތައް ކުރި ބުރަ މަސައްކަތްތަކުގެ އަގު ވަޒަންކޮށް އެމީހުންނަށް ހިތްވަރު ދިނުމުގެ ގޮތުން ބާއްވާ ޖަލްސާއެއް ކަމަށެވެ.
އޭނާ އަދި ވިދާޅުވީ ކުރީގެ ސަރުކާރުން މިހާރުގެ ސަރުކާރަކީ ޣައިރު ގާނޫނީ ސަރުކާރެއް ކަމަށް ކިތަންމެ ވަރަކަށް ދައްކަވަން މަސައްކަތްކުރެއްވި ނަމަވެސް އެކަން އެގޮތަށް ކާމިޔާބުވުމުގެ ފުރުސަތު ނުދެއްވާނެ ކަމަށާއި ރައީސުލްޖުމުހުރިއްޔާ ޑރ މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރަށް ދެއްވަން ޖެހޭ ފުރިހަމަ އެއްބާރުލުން އެ ޕާޓީގެ ފަރާތުން ދޭނެ ކަމަށެވެ.