12 May 2021, 00:45
ރާއްޖޭގައި ކޮވިޑް19 ވެކްސިން ޖެހޭ އާބާދީގެ 30 ޕަސެންޓު މީހުން އަދިވެސް ވެކްސިންގެ އެއްވެސް ޑޯޒް އެއް ޖަހާފައި ނުވާ ކަމަށް ހެލްތު އެމާޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބުނެފި އެވެ.
މި މަހުގެ އަށް ވަނަ ދުވަހުގެ ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި، ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގެ ފަރާތުން، ޑރ. އަހްމަދު ޝަހީދު ވިދާޅުވީ ރާއްޖޭގައި އެއްވެސް ވެކްސިނެއްގެ އެއްވެސް ޑޯޒް އެއް ނުޖަހާ ގާތްގަނޑަކަށް 35 ޕަސެންޓް މީހުން ތިބި ކަމަށެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، މިހާރުވެސް ގާތްގަނޑަކަށް ތިރީހަކަށް ޕަސެންޓު މީހުން ވެކްސިންގެ އެއްވެސް ޑޯޒް އެއް ފުރިހަމަކޮށްފައި ނުވާ ކަމަށެވެ.
"އެކަމާ ދޭތެރޭ ދެން ހަދާނެ ގޮތެއް، މަޖުބޫރު ކުރުން އެއީ އެކަން ކުރާނެ ގޮތްތޯ މިވަގުތު އަޅުގަނޑަކަށް ނޭނގޭ ޖަވާބެއް ދޭކަށް. އެހެން ނަމަވެސް މަސައްކަތް ކުރަމުން މިދަނީ ވީހާވެސް ގިނަ މީހުން ވެކްސިން ޖަހަން ގެނެވޭތޯ،" މަބްރޫކް ވިދާޅުވި އެވެ.
މަބްރޫކް ވަނީ ވެކްސިންގެ މުހިންމުކަމާ ގުޅޭގޮތުން މީހުންނަށް މައުލޫމާތުދީ، ވެކްސިން ޖެހުމަށް މީހުންނަށް ވިސްނައިދިނުމަށް ނޫސްވެރިންގެ ފަރާތުން އެހީތެރިކަމަށް ވެސް އެދިފަ އެވެ.
މިހާތަނަށް ރާއްޖެއިން 301،707 މީހަކު ވަނީ ފުރަތަމަ ޑޯޒް ޖަހައިފަ އެވެ. އަދި 136،205 މީހަކު ވަނީ ވެކްސިން ފުރިހަމަކޮށްފަ އެވެ.
ރާއްޖޭގައި ޖަަހަމުން އަންނަނީ ތިން ވައްތަރެއްގެ ވެކްސިންނެވެ. އެއީ ކޮވިޝީލްޑް، ސައިނޮފާމް އަދި ފައިޒާ ވެކްސިން އެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުން ފުރަތަމަ ޑޯޒް ޖަހާފައިވާ އިންޑިއާގެ ކޮވިޝީލްޑް ވެކްސިން ލިބުން ދަތިވެ، މާލެ ސަރަހައްދުގައި އެ ވެކްސިން ޖެހުން ވަނީ ހުއްޓާލާފަ އެވެ. ވެކްސިންގެ ސްޓޮކް އިތުރުކުރަމަށް މަސައްކަތް ކުރަމުން އައި ނަމަވެސް، އިތުރު ޝިޕްމެންޓެއް ލިބޭނެ ދުވަހެއް އަދި ނޭނގެ އެވެ.