11 May 2021, 23:20
އިސްރާއީލުން މާތްވެގެންވާ މަސްޖިދުލްއަގްސާއަށާއި އެތަނުގައި އަޅުކަން ކުރަންތިބި މީހުންނަށް ދެމުން ގެންދިޔަ އުދުވާނީ ހަމަލާތައް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުށްވެރުކުރައްވައިފި އެވެ.
ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނީ އަގްސާ މިސްކިތާ ދެކޮޅަށް 10 ދުވަސްވަންދެން އިސްރާއީލުން ހިންގި އުދުވާނުގައި ފަލަސްތީނުގެ ޖުމްލަ 520 މީހުން ޒަޚަމްވި ކަމަށާ އޭގެތެރެއިން 150 އަށްވުރެ ގިނަ މީހުންނަށް ފަލަސްތީނުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދާކަމުގަ އެވެ.
އެ ހަމަލާތަކާ ގުޅިގެން ރައީސް ސޯލިހު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިސްރާއީލުން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވަމުން އަންނަ ކަމަށާއި، އެ ގައުމުގެ އަމަލުތައް ކުށްވެރިކުރާ ކަމަށެވެ.
"ދިވެހިރާއްޖެއިން އިސްރާއީލުގެ އަމަލުތައް ކުށްވެރިކުރަން. ދިވެހިރާއްޖެ އޮތީ ފަލަސްތީނުގެ ރައްޔިތުންނާ އެކު،" ރައީސް ވިދާޅުވި އެވެ.
އިސްރާއީލުގެ ހަނގުރާމަމަތީ ޖެޓްތަކުންވަނީ ޣައްޒާގެ 130 ތަނަކަށް ބޮން އަޅައި ފަލަސްތީނުގެ 22 މީހުން ޝަހީދުކޮށް 150 އަށްވުރެ ގިނަމީހުން ޒަޚަމްކޮށްލާފަ އެވެ. ރައްދުގައި ހަމާސް ޖަމާއަތުން އިސްރާއީލުގެ ބައެއް ސަރަހައްދުތަކަށާއި ރައްތަކަށް 100 އަށްވުރެ ގިނަ ރޮކެޓް ޙަމަލާތައް ދީފަ އެވެ.
އިސްރާއީލު ސިފައިން އަގްސާ މިސްކިތުގެ ސަރަހައްދުން ފޭބީ "ސައިފުލް ގުދްސު" (ގުސްދުގެ ކަނޑި)ގެ ނަމުގައި އެކަމަށް ބަދަލު ހިފުމުގެ ގޮތުން ފަލަސްތީނުގެ މުޖާހިދުންގެ ޖަމާއަތްތަކުން އިސްރާއީލުގެ އިސްތިއްުމާރާ ދެކޮޅަށް ޣައްޒާއިން ފެށި ޖިހާދުގެ ވަރުގަދަ ހަރަކާތްތަކާ ގުޅިގެންނެވެ.